މިފަދަ ނުބައި ނުލަފާ އަންހެނުންގެ ކެހިވެރިކަމާ މަކަރުވެރިކަމުގެ ލެއިން ތަތްތެޅިފައިވާ އަތްތަކުން މިމުޖުތަމައު ސަލާމަތްކުރައްވާށި! އާމީން!
1989 ވަނަ އަހަރުގެ ފަހުކޮޅެވެ. ދިއްދޫގެ މަގުތައް ފަޅެވެ. ދުއްވާ އެއްޗެއް ފެންނަނީ މަދު ފަހަރަކު އެވެ. ރަށުގައި ބައިސްކަލު ގެންގުޅެނީ ކޮންބައެއްކަން ބުނެދޭން އެނގޭހާ މަދެވެ. ރަށުގެ ބޮޑުމަގުގެ މެދުގައި ހުރެފައި ބަލައިލިޔަސް، މެންދުރު ވަގުތު ވެސް، ދެ ކޮޅުން މޫދު ފެންނާނެ އެވެ. މީހުން މަދު ކަމުންނެވެ. ދޭތެރެ ދޭތެރެއިން ބާ ގާޑިޔާގަނޑެއް ފެނިލިއަސް އެނޫން އެއްޗެއް ދައްކައެއް ނުލައެވެ.
ރަށުގައި މާގިނަ ކުޅިވަރުތަކެއް ކުޅެ ނޫޅުނަސް، ކުޅޭ އެއް ކުޅިވަރެއް އޮވެއެވެ. އެއީ، ލޯބީގެ ކުޅިވަރެވެ. ރައްޓެހިވުމާއި ރުޅިވުމެވެ. އިނުމާއި ވަރިކުރުމެވެ.
އެންމެ މަޝްހޫރު ކަމަކީ، ދަތުރުވަރުތަކުގައި ރަށަށް އަރާ މީހުންގެ ލޯބި ކާމިޔާބު ކުރުމެވެ. ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންވެސް މިކުޅިވަރުގެ ފޯރި ނަގައެވެ.

ރަޙުމެއްނެތް ގޮތަކަށް ވިހޭދަރިފުޅު މަރާލިގޮތް، އަދި ހަމަޖެހިގެން ގެއަށް ދިޔަގޮތް، އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތް/ ފޮޓޯ:ފްރީޕިކް
އުމުރުން 28 އަހަރުގެ ހަދީޖާއަކީވެސް މިބުނި ކުޅިވަރުގެ ފޯރި ނިކަން ރަނގަޅަށް ދަންނަ މީހެކެވެ. އޭނާއަކީ ހަށި ހެދިހުރި ގޮތުން ނިކަން ހެއުވަރުގެ ބަނޑެއް އޮންނަ އަންހެނެކެވެ.
އެހެންނަމަވެސް، މީގެ ނުވަމަސްކުރިން އެންމެ ދެދުވަހަށް، ރަށަށް އެރި ދަތުރުވެރިއެއްގެ ހައްޔަރުގައި އޭނާއިންކަން ނުދަންނަ ހަމައެކަކުވެސް ދިއްދޫ ފަސްގަނޑުމައްޗަކު ނޫޅެއެވެ. ހަލާލެއް ހަރާމެއް ބެލުމެއް ނެތި ލިބުނު މާ ފައްކާ އަރާމަކަށް ހެއްލިގެން އުޅެނިކޮށް މިފަހަރު ލިބުނު ލަދުން ސަލާމަތް ވާނެ ގޮތަކާމެދު ހަދީޖާ އޭނާގެ ހުރިހައި ވަގުތެއް ހުސްކޮށްގެން މޮޅު ފިކުރު ކުރުން ނޫން ކަމެއް ފަހަކަށް އައިސް ނުކުރެއެވެ.
** ** **
ހަނދުގެ ފަނޑު އަލިކަމެއް ދުނިޔެމައްޗަށް ވެރިވެފައިވާ ރޭތަކުގެ ތެރެއިން ރެއެކެވެ. މެދުދަން ފާއިތުވެ މެންދަމަށް މިސްރާބު ޖަހަނީއެވެ. މުޅި ރަށް އޮތީ ރޭގަނޑުގެ ފިނި އަރާމުގެ ތެރޭ ހަމަހިމޭންވެފައެވެ. ހާލާއި ކުކުޅުތައް ހާއްޔަށް ވަދެ ބޮނދައިފިއެވެ. މަދުގެއަކުން ނުނީ އަލިކަމެއް އެވަގުތަކު ނުފެންނާނެއެވެ.
އެއްކޮނޑަށް ތުވާއްޔެއް އެއްލައިގެން ގޯތީގެ ވަލުދޮރާށިން ނިކުމެގެން ހަދީޖާ ވަލާ ދިމާއަށް ހިނަގައިގަތީ ތަރިޖެހި ކޮތަޅަކަށް ބޭނުންވާ ސާމާނު އަޅައިގެންނެވެ. ހިސާބަކީ މީހުން މަދު، ފަޅުކަމެއް ވެރިވެފައިވާ ހިސާބަކަސް ރޭގަނޑުގެ އެ ކަނު ކަމުގެ ތެރެއިން އެއްވެސް ވަރެއްގެ ބިރުވެރިކަމެއް އޭނާއަކަށް އިހުސާސެއް ނުކުރެވެއެވެ. ބޯކޮށް ހެދިފައިވާ ގަސްތަކުގެ ތެރެއިން ހިނގާފައިދިޔައިރު ހީވަނީ އެއީ އާދަވެ ހަދީޖާ ހިނގާ މަގެއް ހެންނެވެ.

ރަޙުމެއްނެތް ގޮތަކަށް ވިހޭދަރިފުޅު މަރާލިގޮތް، އަދި ހަމަޖެހިގެން ގެއަށް ދިޔަގޮތް، އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތް/ ފޮޓޯ:ފްރީޕިކް
"އާންނނ… މިހާރަކު އެއްވެސް މީހެއްގެ ހިލަމެއް ނުވޭ" އޭ ބުނިކަހަލައެވެ. ދެފައި ވަށްކޮށްލާފައި އިށީނީ ވަށައިގެން ކަށިކެޔޮގަސް ހެދިފައިވާ ކަށިކެޔޮފީންޏެއްގެ މެދުގައެވެ. ހާލީގައެވެ.
އެކަނު އަަނދިރިކަމުގެ ތެރޭގައި ހަދީޖާ އޭނާގެ މަސައްކަތް ފެށިއެވެ. ވިހޭގެ ތެރޭގައި އުޅޭ ފޫޅުމަޔަކަށްވުރެ އަތްމަތި އަވަހެވެ. ލައިގެންހުރި ކަނޑިކިގަނޑު ބައިލާ އެއްފަރާތް ކޮށްލިއެވެ. ދެންވާ ހަދިޖާއެއް ނެތެވެ. ގައިގައި ނެތް ހިތްވަރެއްލައި ހަދީޖާ އޭނާގެ ބަނޑުގައިވާ ދަރިފުޅުގެ އެންމެ ފުރަތަމަ ނޭވާ މިދުނިޔޭގެ ކެހިވެރި ފަޒާގެ ތެރެއަށް ދޫކޮށްލަދިނެވެ. އާއެކެވެ. ހިތްވަރެއްވާ ގަދަ ނޫންހެއްޔެވެ. ލިޔަމުންދާއިރުވެސް އަހަރެންގެ ގައިން ނެގީ ހީބިއްސެވެ. ޖެހިލުމެއް އަމުދުންނުވެސް ހައްދަވާ އިންސާނެއްތާއެވެ.
ހަދީޖާ ވިހެއީ ލޯބިލޯބި ފިރިހެން ކުއްޖެކެވެ. ގުޅަވެލާފައި އޮތްއިރު ހީވަނި މަޑު ފުށްކޮޅެއް ހެންނެވެ. ހަނދުގެ ފަނޑުއަލިކަމުގެ ތެރެއިން އެދަރިފުޅުގެ ދޮން ނިޔަދުރު ކުލައަރާ މޫނަށް ހަދީޖާ ބަލާލިއެވެ.
ދެންވީ ހަމަ ކުޑަ ހިނދުކޮޅެކެވެ. ތެތްފިނިކަމުގެ ވޭންދެނިވި އިހުސާސާއެކު އެދަރިފުޅަށް ރޮއިގަނެވިއްޖެއެވެ. ބަލާކަށް ނުހުރެ ހަދީޖާ އޭނާގެ ބަނޑުއަޅައި ވިހޭ ތުއްތި މައުސޫމު ދަރިފުޅު ނަގައި އަތުކޮޅަށް ހޫރައި އެއްލައިލީ އެދިމާ އެންމެކައިރީގައިހުރި ކަށިކެޔޮ ބުޑާ ދިމާއަށެވެ. "ބލވރކނ.-، އަދި މަހީކުރީ ބަޅ އޮތީ މަރުވެފައި ކަމަށް…" ދޫވެސް ނުބައި އަންހެނެއްތާއެވެ.
ދަރިފުޅުގެ ރުއިމުގެ އަޑު އިހުނަށްވުރެ ގަދަވިއެވެ. ހަދީޖާގެ ރުޅިގަނޑުވެސް ވީ ގަދައެވެ.
"ދުވަސްނުފުރާ ވިހެއޭ ކިޔާފައި، ކީއްތަވާނީ މިބޅ މަރުވިނަމަ،" މީހަކަށް އަޑެއް އިވިގެން މިކަންތައްގަނޑު ފަޅާ އަރާކަށް ހަދީޖާ ބޭނުމެއް ނުވެއެވެ.

ރަޙުމެއްނެތް ގޮތަކަށް ވިހޭދަރިފުޅު މަރާލިގޮތް،
އެންމެ ފަސޭހައިން އަތުޖެހުނީ އުނުން ބޭލި ބާ ޖަނގިޔާ ގަނޑެވެ. އިތުރަށް ވިސްނާކަށް އޭނާ ބޭނުމެއް ނުވިއެވެ. ރޮއިރޮއިއޮތް އޭނާގެ ދަރިފުޅުގެ އަނގަ ބަނދުކޮށްލީ އެމުޑުދާރު ޖަނގިޔާ ގަނޑުންނެވެ.
މާތްކަލާކޯއެވެ. މިއީވާ ނުބައިވެގެންވާ އާދަމުގެ ދަރިއެކެވެ. ވަލުޖަނަވާރުންވެސް އޭތީގެ ދަރިންނަށް ރަހުމު ބަހައްޓައެވެ. އެކަމަކު، މިވަގުތު އެހެރީ ސާފުކޮށް ފެންނަން ހުރި ޝައިތާނަކަށްވުރެ ނުބައި އިބިލީހެކެވެ.
"ކަލޭގެޔާ… ހީކުރީތަ.. ތިޔަހެން ފެލިގެން މަ ބޭޒާރު ވާނެކަމަށް،"
ހަދީޖާގެ ރަސްމީ މަސައްކަތް ފެށުނީ އެހިސާބުންނެވެ. (މިވާހަކަ ލިޔަމުންދާއިރު އަހަރެންގެ އަތް ތުރުތުރުއެޅީ ކުރި އަސަރުންނާއި ގަތް ބިރުންނެވެ. ގައިން ހީނބިހި ނެގީ މިއީ ހަގީގަތުގައިވެސް ކަން ހިނގާފައި އޮތް ގޮތްކަން ހިތަށް އަރާތީއެވެ. މިއީ ހަގީގަތުގައިވެސް އެރޭ އެއަންހެންމީހާ އޭނާގެ އަލަތު ދަރިފުޅު މަރާލި ގޮތެވެ.)
ކެޔޮޅު އާދަނު ރޯމަހުގެ ނަގުލުގައި ހިފައި ގާގަނޑުމަތީ ޖަހާލާ މަންޒަރު ހަދީޖާއަށް ވަނީ އެތައް ފަހަރަކު ފެނިފައެވެ.
ބޯކޮޅު ވަތަށް ޖަހައި ފައިކޮޅުގައި ހިފައި، ކުށެއްނެތް އެ މައުސޫމު ދަރިފުޅުގެ ބޯ ކަށިކެޔޮ ބުޑަކާ ލައި ޖެހިއެވެ. އެއްފަހަރަކު ދެފަހަރަކު ނޫނެވެ.
އެހެންނަމަވެސް ދެންވެސް އެދަރިފުޅު މަރެއް ނުވެއެވެ. ހުއްޓުމެއް އައި ނަމަވެސް އިރުކޮޅަކުން ރޯން ފަށައިފިއެވެ. ވޭނާއި ތަދާއި ރިހުން ހުރި ރުއިމެކެވެ. (މާތްކަލާކޯއެެވެ!) ދެން ހަދާނީ ކިހިނެތްކަމެއް ހަދީޖައަކަށް ނޭގުނެވެ. ގޮތް ހުސްވިކަހަލައެވެ. އެހެންނަމަވެސް ހޯދާ ބަލާމީހަކަށް ނުފެންނާނީ ކޮންއެއްޗެއް ހެއްޔެވެ؟ ފަނޑުއަލިކަމުގެ ތެރެއިން ތެޅިފައިވާ ބިއްލޫރި ފުޅިއެއް ހަދިޖާއަށް ފެނުނެވެ. ނުބައި ފާޑަކަށް ހަދީޖާ ހީނލިއެވެ.
"ކަލޭގެއާ، ނގބޅ…. ތތކޮޅުގެ ފުރަތަމަ އަދި ފަހު ދުވަސް،"
އެއްވެސް އާރެއް ބާރެއް ނެތް އެނިކަމެތި ދަރިފުޅުގެ ފިރިހެންވަންތަކަމުގެ ގުނަވަން ފެޅި ހިސާބުން ބުރިކޮށްލީ، ބާ ކަތިވަޅިގަނޑަކުން ކާއްތައިގެން އެއްޗެއް ބުރިކުރާހެން އެފުޅިތޮށިގަނޑުން ކާއްތައިގެންނެވެ. އޭނާއަށް ލިބިފައިވާ އުފަލުގައި މޮޔަވެފައިވާާ ކަހަލައެވެ. ހެމުން ހެމުން އަރާފައި ހުރި ފޯރީގައި އެދަރިފުޅުގެ ގައިގެ އެތަން މިތަނުގައި އެފުޅިތޮށިގަނޑުން އަޅަމުން ދިޔައެވެ. "ހިކުރީތަ؟… އޭންނނނ…."

ރަޙުމެއްނެތް ގޮތަކަށް ވިހޭދަރިފުޅު މަރާލިގޮތް، އެންމެފަހުން މަރާލައި އެއްލައިލީ ގޮނޑުދޮށަށް/ ފޮޓޯ:ސެންޑީ
ލިބުނު ހިތްހަމަޖެހުން ބުނެދޭން ނޭނގޭހާލު ހަދީޖާ އެތަނުގައި ހުރި ރުކެއްގައި ލެގިލިއެވެ. ވަރަށް ލަސްވެއްޖެއެވެ. ވަރުބަލިވެސް ވެއްޖެއެވެ. އޭރުވެސް ހަދީޖާގެ އެރަހުމުކުޑަ އިންސާނިއްޔަތުކަމެއްނެތް އަމަލުތަކުގެ ޝިކާރައަކަށްވި އޭނާގެ އުފަންދަރި ރުއިން ހިމޭން ވިޔަސް ގިސްލަގިސްލާ، މަރުނުވެ އެތަނުގައި އޮތެވެ. މިފަހަރު ހަދީޖާ އެތެދުވީ އެންމެ ފަހުގެ އެތިފަހަރު ހަދާށެވެ. އަނގައަށް ކޮއްޕާފައިއޮތް ލެއާތަތްތެޅިފައިވާ ޖަނގިޔާގަނޑު ނަގައި އޮޅާލައި ކުއްޖާފުޅުގެ ކަރުގައި އައްސައި ބާރުކޮށްލީ ގައިގަ ހުރި ހުރިހާ ވަރެއްލައެވެ. ކަލާނގެ ކުޅަދުންވަންތަކަަމެވެ. ރަހުމުކުޑަ އަންހެންމީހާ އެފާފަ ހުއްޓާލާތޯ ކަމަށްވެސް ވެދާނެއެވެ. އެތައް އަނިޔާއަކާއެކުވެސް މަރުނުވި ތުއްތުތުއްތު ފުރާނަ މިފަހަރު އެކުޑަކުޑަ ހަށިގަނޑާ ވަކިވެގެން ﷲގެ ޙަޟްރަތަށް ރުޖޫޢަވެއްޖެއެވެ. އަދި ދެން،
ހަދިޖާ އޭނާގެ އެދަރިފުޅުގެ އެއްފައިގައި ހިފައި، ވަދުދަމަމުން ކަހަލަގޮތަކަށް އެފީނި ގަނޑުގެ ތެރެއިން އަތިރިއަށް ފޭބިއެވެ.
* * * * *
ހެނދުނުގެ އިރު ފެނުން ތޮޅެލަމުންދިޔަ ވަގުތެވެ. ކޮނޑަށް ދޮށި އެއްލައިގެން ހުރެ ކަކުނި ހަރުތައް ހޯދުމަށް ގޮނޑުދޮށަށް ފައިބައި އުޅުނު މީހުންތަކުގެ ތެރޭގައި ބަދީރުވެސް ހުއްޓެވެ.
ދެންފެނުނީ ކުއްލިއަކަށް އޭނާ ހޭރިގަނެގެން އެއްގަމާދިމާއަށް އަރައިގެން އައި ތަނެވެ. އަތްދަނޑިމައްޗަށް ކޮންމެވެސް އެއްޗެއް ލައިގެން، ދުވަމުން، ހޭރެމުން އޭނާ އެއްގަމަށް އަރައިގެން ދިޔައެވެ. މަސްބާނަން ގޮސްތިބި އެންމެން ފަހަތުލައިގެން ކަހަލަގޮތަކަށެވެ.
"މާތްކަލާކޯ… މީ… ކަތީބު… މީ..،" ބަދީރުގެ އަޑު ތުރުތުރު އަޅަމުންދިޔައިރު އޭނާގެ މޫނުމަތީގައި ވަނީ ބިރުވެރިކަމާ ހިތާމަޔާ ހިތްދަތިކަމުގެ ސާފު އަސަރުތައް ހުރި ކުލަތަކެކެވެ. "އިންނާ ލިﷲ…." ކަތީބުގެ އަނގަވެސް ހުޅުވި ގޮތަށް ބަސްހުއްޓުނު ނަމަވެސް އަނގަ ބަންދެއްނުވިއެވެ. ބުނާނެއެއްޗެއް އެއްކިބާކޮށް ކުރާނެ ހަމަ އެއްވެސް ކަމެއް ކަތީބަކަށް ނޭގުނެވެ. އިސްޖަހައިލެވިފައި ހުރެވުނީއެވެ.
މާގިނައިރުތަކެއް ނުވެ މިވާހަކަ ރަށުތެރޭގައި ފެތުރި ރަށުގެ ގިނަ ބަޔަކު އެތަނަށް އެއްވެއްޖެއެވެ. މަންޒަރު ބަލަން ގޮސްތިބި އެންމެން ތުންތުންމަތިން ކޮންމެވެސް ވަހަކަތަކެއް ދައްކަމުން ދިޔައެވެ.
"ސުބުޙާނަﷲ…. މީހެއްގެ ދަރިއަކަށް އެވަރު ކޮށްލާކަށް ނުވާނެއްނު…. އެއީވެސް ހަމަ އަހަރެމެން ކަހަލަ އިންސާނެއްވިއްޔާ،"
މީހުންތަކުގެ ތެރެއިން ކުރިއަށް ޖެހިލައި ހަދީޖާ އޭނާގެ ބަނޑުގައި އަތްއަޅާލައިގެން ހުރެ ވާހަކަ ދެއްކިއެވެ. "އެވަރުގެ ލޯބި ލޯބި ފުށްގަނޑަކަށް އެފަދަ ލާއިންސާނީ……. ޔަގީނުންވެސް އިންސާނަކަށް އެވަރުކަމެއް ކުރާކަށް ނުކެރޭނެ،" ހަދީޖާގެ ވާހަކަ މިހާހިސާބަށް ދިޔަތަނާ މީހަކުއައިސް ހަދިޖާގެ ގައިގައި ހިފަހައްޓާލިއެވެ. ހަމްދަރުދީވެލުމުގެ ގޮތުންނެވެ. "ހުއްޓާލާ…! ދެން ނުރޮއި…، މަންޖެވެސް ތީނީ ނުކެރި، ތިހާލުގައި އެކުއްޖާފުޅަށް ބެލީމަ އަސަރުކުރާނީ ތިދެމައިންނަށް،" ހަދީޖާގެ ތުންފަތް މަތީ ކުޅެލީ ފަތަހައިގެ ނުބައިވެގެންވާ ހީނލުމެކެވެ.
ކަންހިނގިގޮތް ބަލައި ހޯދުމަށާއި ތުއްތުކުއްޖާ މަރާލި ގާތިލު ހޯދުމަށް ރަށު އޮފީހުން އަމުރު ނެރުނުތާ މާގިނައިރެއް ނުވެއެވެ.
"ހަދީޖާ… މިއަދު 5 ޖަހާ އިރަށް އޮފީހަށް… ކަތީބު މިރަށުގެ ހުރިހައި މާބަނޑުމީހުންނާ ބައްދަލު ކޮށްލުމަށް ބޭނުންވާތީ..،" ކަރީމަކީ ރަށު އޮފީހުގެ ޕިޔޯނެވެ.

ރަޙުމެއްނެތް ގޮތަކަށް ވިހޭދަރިފުޅު މަރާލިގޮތް، އަދަބުލިބި ޖަލަށް/ ފޮޓޯ:ފްރީޕޕކް
މީހަކަށް އޮފީހަށް އަންނަން ކިޔައިފިއްޔާ، އަންނަން ކިޔުމާއެކު އެމީހެއްގެ ހިތުގައި އުފެދޭނެހެން ހީވާ ކޮންމެވެސް ސުވާލެއްގެ ޖަވާބު ނުދީ ކަރީމަކަށް ނުދެވޭނެއެވެ. ދާނަމޭ ބުނުމުގެގޮތުން ހަދީޖާ ބޯޖަހާލުމާއެކު ކަރީމު އެހުރި ބާރުމިނުގައި ގޮސް ގެއްލިއްޖެއެވެ.
ހަވީރުގެ ފިންޏަށް މީހުން އަތިރިއަށް ފައިބަމުން ދިޔަ ވަގުތެވެ.
"ހަދީޖާ… ވިހަން ތިހާ ކައިރިވެފަ އިންދާ އެކަނިމާއެކަނި ކޮންތާކަށް؟" ހޮޅުއަށްޓާ ދިމާލު ހުރި ފާރުބުރިއެއް މަތީ އިށީނދެލައިގެން އިން ހަބީބު ހަދީޖާއަށް ގޮވާލިއެވެ.
"މައެކަނިތަ މިތާ މިހުރީ؟" މަލާމާތުގެ ރާގަކަށް ހަދީޖާ ހީނލިއެވެ. "މިދަނީ މަގޭ ދަރިފުޅު މަރާލި ގާތިލް ހޯދަން އޮފިހަށް ކިޔައިފައި އޮތީމާ…"
ހަދީޖާގެ ވާހަކަ ނުނިމެނިސް ހަބީބުއަށް އިންތަނުން ފުންމައިގެން ތެދުވެވުނީ ގަޔަށް ހޮނެއް އެޅުމުން ސިއްސަައިގެންދާ ބީދައަކުންނެވެ. "ކާކުގެ ދަރިއެއް މަރާލައިގެން ކޮންތާކަށޭ…؟"
"ސާބަހޭ… މަގޭދަރި މަރާލި ގާތިލު ހޯދަ…."
ވާހަކަ މިހާހިސާބަސް ދިޔަތަނާ ހަދީޖާއަށް އޭނާއަށް މި ބުނެވުނު އެއްޗެއް މޭރުންވެއްޖެއެވެ.
"މާތްކަލާކޯ…!" ހަދީޖާއަށް ހިތާ ހިތާ ބުނެލެވުނެވެ.
ދެނަކާ ދެނެއް ނެތެވެ. ހަދީޖާއަށް ދުއްވައިގަނެވުނީ ގެއާ ދިމާއަށެވެ. ހަބީބަށް ދުއްވައި ގަނެވުނީ ހޮޅުއަށިގައިވާ މީހުންތަކާ ދިމާއަށެވެ.
ވިހަ ދުންގަނޑެއް ފެތުރިގެންދާހެން، ހިކިޖަންގައްޔެެއްގައި އަލިފާން ރޯވެ ފެތުރިގެންދާހެން، އިސާހިތަކު މި ޚަބަރު މުޅި ރަށުތެރޭގައި ފެތުރިއްޖެއެވެ.
އޮފީހުން މިމައްސަލަ ބަލައި އެ ރަހުމެއް އިންސާނިއްޔަތުކަމެއް އަމުދުން ނެތް ނުބައިވެގެންވާ އަމަލުތައް ކުރި މީހަކީ ހަދީޖާކަން ސާބިތުވެ ނިޔާ އިއްވީ 25 އަހަރަށް ޖަލަށް ލުމަށެވެ.
ޖަލުން ހަދީޖާ ގޭބަންދަށް ބަދަލުކުރީ އޭގެ 12 ވަރަކަށް އަހަރު ފަހުން، 2001ވަނަ އަހަރު އޭނާ ވަރަށްބޮޑަށް ބަލިވުމުން، މެޑިކަލްގެ ދަށުންނެވެ. އަހަންނާ ހަދީޖާ ބައްދަލުވި ދުވަހު ސުވާލުކޮށްލީމެވެ. "އަސްލު ކީއްވެގެން ކުރިކަމެއް؟" ހަދީޖާ ޖަވާބުދިނުމުން އޭނާއާއެކު ހުރި އެހެންމީހަކު ބުންޏެވެ. "އަބަދުވެސް ދޭ ޖަވާބު، ކޯޓުގައިވެސް ދިން ޖަވާބު،"
"ދުނިޔޭގެ ލަދަށް،" މިއީ ހަދީޖާގެ ޖަވާބެވެ. "ރަށްމެދަށް ބަލިވެ އިނުން މިހާރު ފެޝަނަކަސް އޭރު އެއީ ވަރަށް ބޮޑުކަމެއް، މަ ބޭނުންވީ އެލަދުގައި ނުބެދި ސަލާމަތްވާން،"
އަހަރެންގެ ހިތަށް އެރިއެވެ "ދުނިޔޭގެ ލަދުން ސަލާމަތްވާން ކުރި އެ ނުބައިވެގެންވާ އިންސާނިއްޔަތުކަމެއް ނެތް އަމަލަށްފަހު ދެން ދުނިޔޭގެލަދުން ސަލާމަތްވީބާވައެވެ!"
(އަރިއްޕެ- މިއީ ހަގީގީ ހާދިސާއެކެވެ. އެހެން ނަމަވެސް ބޭނުންކޮށްފައިވާ ނަންތަކަކީ އަސްލެއް ނޫނެވެ. އަދި އަނިޔާވެރިކަމާއި ހުތުރުބަސްތައް ބޭނުންކޮށްފައި އެވަނީ ހަގީގީ ހާދިސާއަށްވުރެ އެތައް ގޮތަކުން އަނިޔާވެރިކަން ކުޑަކޮށް ބަސްތައް ގާތްގަނޑަކަށް ނުހިމަނައެވެ. އެއީ މުޖުތަމައަށް ރަނގަޅު ފިލާވަޅަކަށް ނުވެދާނެތީއެވެ.)
ނޯޓް: މީގަހުރި ފޮޓޯތަކަކީ މިއާ ގުޅުން ހުރި ފޮޓޯތަކެއް ނޫނެވެ، ހަދާފައި އަދި މަންޒަރު ބުނެދޭން ނަގާފައި ވާ ފޮޓޯތަކެކެވެ.)

