މާތްﷲ އަށް ބިރުވެތި އިޚްލާޞްތެރި ހިތަކުން ދުޢާކުރުމަކީ އެ ދުޢާއެއް އިޖާބަވުމަށް އޮތް ބާރުކަމަށް މިއަދު ޚުޠުބާގައި ބުނެފިއެވެ.
މިއަދު މުޅި ރާއްޖެއަށް އިއްވި ޚުޠުބާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައިވަނީ ބަދުރު ހަނގުރާމައިން ލިބުނު ފިލާވަޅުތަކުގެ މައްޗަށެވެ.
ބަދުރު ހަނގުރާމައަކީ އިސްލާމީ އުންމަތަށް އެތައް ފިލާވަޅުތަކެއް ލިބުނު ހާދިސާއެކެވެ. އޭގެތެރެއިން އެއް ފިލާވަޅަކީ ކަންކަމުގައި މަޝްވަރާގެ ރިވެތި އުސޫލު ބޭނުންކުރުމެވެ. ކީރިތި ރަސޫލާ މި ހަނގުރާމައިގެ ކަންތައްތަކާ މެދު މުހާޖިރުންނާއި އަންސާރުންނާ މަޝްވަރާކުރެއްވިއެވެ. ޚުޠުބާގައި ހާމަކުރައްވާފައިވެއެވެ.
ބަދުރު ހަނގުރާމައިން ލިބުނު ދެވަނަ ފިލާވަޅުގެ ގޮތުގައި ޚުޠުބާގައި ބުނެފައިވަނީ ވެރިންނަށް ކިޔަމަންގަތުމުގެ މާތް ސިފައެވެ. މިކަމުގެ މިސާލު ޖަހާފައިވަނީ މުހާޖިރުންނާއި އަންސާރުންގެ ފަރާތްޕުޅުން ފެނުނު ކިޔަމަންތެރިކަމަށެވެ.
ޚުޠުބާގައި ބުނެފައިވާ ގޮތުން ބަދުރު ހަނގުރާމައިން ލިބުނު ތިންވަނަ ފިލާވަަޅަކީ އަސްޙާބު ބޭކަލުންގެ ޤުރުބާނީއެވެ. މިކަމުގެ މިސާލު ޖައްސަވައިފައިވަނީ އަންސާރިއްޔަ ބޭކަލަކު ކަމުގައިވާ ޢުމައިރު ބުނު ޙުމާމަ ޖޯޝާއި ފޯރީގައި ހަނގުރާމައިގެ މައިދާނަށް ނުކުމެ ވަޑައިގެން ޤުރައިިޝުންގެ ލަޝްކަރާ ކުރިމަތިލައްވައި ޝަހީދުވިކަމަށެވެ.
ބަދުރު ހަނގުރާމައިން ލިބުނު ހަތަރުވަނަ ފިލާވަޅަކީ މާތް ﷲ އަށް ވަކީލުކުރުމާއި ދުޢާކުރުމުގެ މުހިންމުކަމެވެ. ކަންކަމުގައި މާތްﷲ އަށް ވަކީލުކުރުމަކީ ނަސްރާއި ކާމިޔާބަށް ވާސިލުކޮށްދޭ ކަމެކެވެ. ޚުޠުބާގައި އިތުރަށް ބުނެފައިވެއެވެ.
މިއަދުގެ ޚުޠުބާ ނިންމާލެވިފައިވަނީ، މާތްﷲ ލޮބުވެތި ނަބިއްޔާ މުޙައްމަދުގެފާނަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމުންނެވެ.

