ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމުގައި އެންމެ ބޮޑު ބައިވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
މިދިޔަ ތިން އަހަރުގެ ކުޅިވަރުގެ ކާމިޔާބީތައް ފާހަގަކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް ވިދާޅުވީ ރާއްޖޭގެ އެހެން ކުޅިވަރުތަކާއި އެއްވަރަށް ކްރިކެޓް ކުރިއެރުވުމުގައި ރައީސް މުޢިއްޒުގެ ދައުރު ފާހަގަކޮށްލެވޭ ކަމަށެވެ. އަދި ސަރުކާރުން ކުޅިވަރަށް ދެއްވާ އިސްކަން ވަރަށް ބޮޑަށް ފާހަގަކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
“ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ ލަފާ އަބަދުވެސް ލިބިވަޑައިގަންނަވާ،” ކަމަށް ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ކުޅިވަރުގެ އެކި މުވައްޒަފުންގެ ފަރާތުންވެސް ކްރިކެޓްގެ އެކި ކަންކަމުގައި ބޮޑު އެއްބާރުލުމެއް ކްރިކެޓް ބޯޑަށް ލިބެމުން އަންނަ ކަމަށެވެ.
މީގެއިތުރުން، ކްރިކެޓް ބޯޑުގެ ރައީސް ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރަކީ ކްރިކެޓުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ލިބުނު އަހަރެކެވެ. އަދި ކުރިއަށް އޮތް އަހަރަކީވެސް އިތުރު ކާމިޔާބީތައް ކްރިކެޓުން ލިބޭނެ އަހަރެއްކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

