ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި ރަމަޟާން މަހުގެ ފަހު 15 ދުވަހުގެ ޢުމްރާއަށް 350 އަށްވުރެ ގިނަ މީހުން ދާނެކަމަށް އެ ކޯޕަރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
މި މަޢުލޫމާތު ހާމަކުރެއްވީ ރޭ އޮލިމްޕަހުގައި ބޭއްވި ޢުމްރާވެރިންގެ މަޢުލޫމާތު ސެޝަނެއްގައެވެ.
ޙައްޖު ކޯޕަރޭޝަންގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިން ޙަސަން ސިނާން ވިދާޅުވި ގޮތުގައި މި ރަމަޟާން މަހު އެ ކޯޕަރޭޝަންގެ ހަވާލުގައި ޖުމްލަ 577 މީހުން ޢުމްރާގެ އަޅުކަން އަދާކުރާނެއެވެ. މީގެ ތެރޭގައި މުޅި ރަމަޟާން މަހުގެ ޢުމްރާވެރިންނާއި ފަހު 15 ދުވަހަށް ދަތުރުކުރާ މީހުން ހިމެނެއެވެ.
“ޢުމްރާ ދަތުރު ފަށާހިސާބުން ފެށިގެން ދީނީ ކަންކަމާއި، ޢުމްރާ ވެރިން ކުރުން މަނާ ކަންކަމާއި، އެހީތެރިކަން ބޭނުންވާ ޙާލަތުގައި ޢަމަލުކުރާނެ ކަންކަމާ އަދި މިނޫންވެސް ވަރަށް ގިނަ މުހިންމު މަޢުލޫމާތު ވަނީ ޙިއްސާކޮށްފަ،” ޙަސަން ސިނާން ވިދާޅުވިއެވެ.
ޢުމްރާވެރިންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް އޮންލައިންކޮށް ތިން ބައްދަލުވުމެއް ބޭއްވިފައިވާކަމަށް ޙައްޖު ކޯޕަރޭޝަނުން ބުންޏެވެ. މި ބައްދަލުވުންތަކުގައި ޢުމްރާވެރިންނަށް މުހިންމު އިދާރީ މަޢުލޫމާތުތަކާއި، އަޅުކަން އަދާކުރާނެ ގޮތުގެ ތަފްސީލީ މަޢުލޫމާތު ދެވިފައިވެއެވެ.
ރަމަޟާން މަހުގެ ފަހު 15 ދުވަހުގެ ޢުމްރާއަށް ދަތުރުކުރާ ފަރާތްތައް ސަޢުދީ ޢަރަބިއްޔާއަށް ފުރާނީ ހޮނިހިރު ދުވަހުގެ ފަތިހު 4:50 ގައި ސަޢުދީ އެއަރލައިންގެ ފްލައިޓުންނެވެ.

