އޮޅުވާލައި، ދޮގު މަޢުލޫމާތު ދީގެން ފަޤީރުންގެ ދަފްތަރުގައި ޖެހިފައިވާކަން ސާބިތުވެއްޖެނަމަ އެފަދަ ފަރާތްތަކަށް ޙައްޖަށް ދިއުމުގެ ޖާގަ ގެއްލޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ މިއަހަރު ދައުލަތުގެ ޚަރަދުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް ހޮވިފައިވާ 50 ފަޤީރުންގެ ތެރޭގައި އޮޅުވާލައިގެން މަޢުލޫމާތު ދީފައިވާ ފަރާތްތަކެއް ހިމެނޭކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ. އަދި ދައުލަތުގެ ޚަރަދުގައި ޙައްޖަށް ދިއުމަށް ފަޤީރުންގެ ދަފްތަރުން ހޮވޭ ފަރާތްތައް ފޮނުވާނީ އިތުރަށް އެފަރާތްތަކުގެ ޙާލަތު ބަލައި، ފަޤީރުންގެ ޝަރުޠުތަކަށް ފެތޭކަން ކަށަވަރުކުރުމަށްފަހުގައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މިއަހަރު ދައުލަތުގެ ޚަރަދުގައި ޙައްޖަށް ފޮނުވުމަށް 50 ފަޤީރުން ވަނީ ހޮވާފައެވެ. އަދި އެއްވެސް ޙާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ، ފުރުޞަތު ދިނުމަށް 10 ފަރާތެއްވެސް ވަނީ ރިޒާވްގެ ގޮތުގައި ހޮވާފައެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ފަޤީރުންގެ ދަފްތަރުން ޙައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ ފަރާތްތައް ހޮވާފައިވަނީ ގުރުއަތުލުމުގެ އުސޫލުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1،000 ފަޤީރުން ޙައްޖަށް ފޮނުވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. މި ވަޢުދުގެ ދަށުން ފަޤީރުންނަށް ޙައްޖުވުމުގެ ފުރުޞަތު ދެނީ ޒަކާތު ހައުސްގައި ރަޖިސްޓްރީކޮށްފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.
އުސޫލެއްގެ ގޮތުން ރާއްޖެއަށް ކޮންމެ އަހަރަކު ލިބެނީ 1،000 ޙައްޖު ކޯޓާއެވެ. ރާއްޖެއިން މިހާރު މީހުން ޙައްޖަށް ގެންދަނީ ޙައްޖު ކޯޕަރޭޝަނުން އެކަންޏެވެ. މިއަހަރުގެ ޙައްޖު ދުވަސް މީލާދީ ގޮތުން ދިމާވަނީ ޖޫން މަހުގެ 5 ވަނަ ދުވަހާއެވެ.

