މީސްމީޑިއާގައި ކުޑަކުދިންނަށް އަމާޒުކޮށް އުނދަގޫކޮށް ފުރައްސާރަކުރުމަކީ ކަރުނައަޅައި ރޯންޖެހޭ ވަރުގެ ހިތި ހަގީގަތެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަޒީރު މާރިޔާ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިފަދަ އަނިޔާވެރި ޢަމަލުތައް މިހާރުން މިހާރަށް ހުއްޓުވަންޖެހޭ ކަމަށާއި، މިއީ ގާނޫނީ ކުށެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
“ޅަ ދަރިންނަކީ، ލޯތްބާއި އޯގާތެރިކަމާ އެކު ބެލެހެއްޓުމަށް ޓަކައި، މާތް ﷲ އަޅުގަނޑުމެންނާ ހަވާލުކުރައްވާފައިވާ މާތް އަމާނާތެއް” ކަމަށް ވަޒީރު މާރިޔާ ވިދާޅުވެފައިވެއެވެ. އަދި މަޞޫމު ކުދިން ރައްކާތެރިކުރުމުގެ ޒިންމާ ހަނދާންނައްތާލާފައިވާ ބޮޑެތި މީހުން، އެމީހުންގެ ނޭއްގާނީ ޢަމަލުތަކާމެދު ލަދުގަންނަންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
އިސްލާމްދީނުގައި މަލާމާތާއި އުނދަގޫކުރުމަށް ޖާގައެއް ނެތްކަން ފާހަގަކުރެއްވައި، ނަބިއްޔާ (ﷺ) ވެސް ކުޑަކުދިންނަށް ޚާއްޞަ އޯގާތެރިކަމެއް ބެހެއްޓެވިކަމާއި، ކުޑަކުދިންނަށް ލިބޭ ކޮންމެ ގެއްލުމަކުން އެކުދިން ސަލާމަތްކުރުމަކީ އެންމެންގެ ވާޖިބެއްކަން ވަޒީރު ހާމަކުރެއްވިއެވެ.
ވަޒީރު މާރިޔާ ވަނީ މައެއްގެ ހައިސިއްޔަތުން ވެސް މިކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. “އަނިޔާވެރިކަމުގެ ސަބަބުން ކުޑަ ކުއްޖަކަށް ތަކުލީފެއް އިޙްސާސްކުރާން ޖެހެނީއޭ ހިތަށް އެރިޔަސް، ހިތް ރޮނީ މަންމައަކަށް ވީތީ” މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މާރިޔާ ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އަދި އިޙްތިރާމާއި ޤަދަރާއި ލޯބި ލިބޭ ރައްކާތެރި މުޖުތަމަޢެއްގައި ދިވެހި ދަރިން ބޮޑުކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

