ސިޔާސީ ބަހުސްތަކުގައި އާއިލާތަކާއި ޚާއްޞަކޮށް ކުޑަކުދިން ބޭނުންކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ވިދާޅުވެ، މިފަދަ ޢަމަލުތައް ހުއްޓާލުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ގޮވާލައްވައިފިއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އާއިލާއަށް އަމާޒުކޮށް، ޚާއްޞަކޮށް އެމަނިކުފާނުގެ ކުށެއްނެތް ކުޑަކުދިންނަށް، އިދިކޮޅު ފަރާތްތަކުގެ ނަމުގައި ދެކޮޅުވެރިކަން ދެއްކުމަކީ ސުލޫކީގޮތުން ރަނގަޅުކަމެއް ނޫން ކަމަށެވެ.
އަދި މިފަދަ ޢަމަލުތަކަކީ އެފަރާތްތަކުގެ އަސާސީ ޙައްޤުތަކަށް އަރައިގަތުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. “މިފަދަ ލަދުވެތި ޢަމަލުތަކުގައި ބައިވެރިވާ ފަރާތްތައް ޖަވާބުދާރީ ކުރުވަންޖެހޭ” ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ކުޑަކުދިންނާއި އާއިލާތައް ބޭނުންކުރުމަކީ ދުނިޔޭގެ އެކި ޤައުމުތަކުގައިވެސް މަނާކުރެވިފައިވާ ކަމެކެވެ. އަދި މިފަދަ ޢަމަލުތަކަކީ ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުއާހަދާތަކާ ޚިލާފު ކަންކަން ކަމުގައި ބެލެވެއެވެ.
ވަޒީރު ޝިޔާމްގެ މި ބަސްފުޅުތަކަކީ، ރޭގައި އިދިކޮޅު އެމްޑީޕީ އިން ކުރި މުޒާހަރާއެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްގެ މަންމަ މަރްޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކައަކާ ގުޅިގެން ދެއްކެވި ވާހަކަފުޅުތަކެކެވެ.
އިއްޔެ ރޭ މާލޭގައި ބޭއްވުނު އެމްޑީޕީގެ އެއްވުމެއްގައި މަންދީ ވަނީ ޒުވާނުން “ބިޑި އޮޅަން” ޖެއްސީ ރައީސްގެ ދަރިކަލުން ވޭޕް ބޯން ފެށުމުން ކަމަށް ބުނެ ވާހަކަދައްކާފައެވެ. މި ވާހަކައަކީ ސާބިތުނުހިފޭ ދޮގު ވާހަކައެއް ކަމަށް ބެލެވެއެވެ.
އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން އީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތަކަށް ހަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައިވަނީ ޤާނޫނުއަސާސީއާއި ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދާއި ރާއްޖޭގައި ޢަމަލުކުރަމުންދާ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކަމަށެވެ.
އީސީގެ ބަޔާނުގައި ވަކިން ޚާއްޞަކޮށް ފާހަގަކޮށްފައިވަނީ، “ކުޑަކުދިންގެ ޙައްޤުތަކަށް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކުޑަކުދިންގެ ޙައްޤުތައް ގެއްލޭގޮތަށް ސާބިތުނުހިފޭ ވާހަކަ ދެއްކުމާއި އެކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާފަދަ ވާހަކަތައް ދެއްކުން” އެ ކޮމިޝަނުން ކުށްވެރިކުރާ ކަމަށެވެ.
މީގެ އިތުރުން، ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ސުލޫކީ މިންގަނޑާ ޚިލާފަށް، މުޖުތަމަޢުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމާއި، ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑުކިޔުމާއި، ޙަޤީޤަތާ ޚިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށް އީސީން އިލްތިމާސްކޮށްފައިވެއެވެ.
އީސީން އިތުރަށް ބުނެފައިވަނީ، ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށް އެ ކޮމިޝަނުން އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށެވެ.

