ހަނިމާދޫ ކައުންސިލުން ޓޫރިޒަމް ބޭނުމަށް އަހަރަކު 2 ލައްކަ ޑޮލަރު ލިބޭގޮތަށް 10،000 އަކަފޫޓުގެ ހަތަރު ބިމެއް އޯސަމް ޕްރޮޕަރޓީސް ޕލކ އަށް ކުއްޔަށް ދޫކޮށްފިއެވެ.
މި ބިންތައް ކުއްޔަށް ދޫކޮށްފައިވަނީ 50 އަހަރުގެ މުއްދަތަށެވެ.
ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު ހުވަދޫ މީޑިއާއަށް ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ކޮންމެ ބިމަކުން ކުއާޓަރަކަށް 14,000 އެމެރިކާ ޑޮލަރު ލިބޭނެއެވެ. މިއީ ހަތަރު ބިމުން އަހަރަކު ޖުމްލަ 224,000 ޑޮލަރު (3,454,080 ރުފިޔާ) ގެ އާމްދަނީއެކެވެ. މި ހަތަރު ބިމަކީވެސް ޖެހިޖެހިގެން ހުރި ބިންތަކެކެވެ.
"އަޅުގަނޑުމެން ދައުރު ނިމޭއިރު ހަނިމާދޫ ރައްޔިތުންގެ މާލިއްޔަތަށް އެތައް މިލިއަން ރުފިޔާގެ އާމްދަނީ އިރާދަކުރެއްވިއްޔާ ހޯދައިދޭނަން. އަދި ރައްޔިތުންގެ މާލިއްޔަތަށް ޑޮލަރުން އާމްދަނީ ވަންނަން މިފެށީވެސް އަޅުގަނޑުމެންގެ މި ދައުރުން ފެށިގެން މުޅިން އަލަށް،" ކައުންސިލްގެ ނައިބު ރައީސް ފިރާގު ވިދާޅުވިއެވެ.
ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ހިއްސާ އޮންނަ އޯސަމް ޕްރޮޕަރޓީސް ޕލކ އަށް މި ބިންތައް ދޫކޮށްފައިވަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވުމާ ގުޅިގެން، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރުވުމުގެ ގޮތުންނެވެ.
ފާހަގަކޮށްލެވޭ ގޮތުން، މި ހަތަރު ބިމުގެ އެއް އަހަރުގެ އެޑްވާންސް ކުލީގެ ގޮތުގައި 224,000 ޑޮލަރު މިހާރުވަނީ ހަނިމާދޫ ކައުންސިލްގެ އެކައުންޓަށް ޖަމާކުރެވިފައެވެ. މި މަޝްރޫޢުގެ ސަބަބުން ރަށަށް ބޭރު ފައިސާ ވަނުމާއެކު ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ކައުންސިލުން އުންމީދުކުރެއެވެ.

