ހުއިފިލަނޑާ ނަގަން ފައިބާ އުޅުނު ދިވެއްސަކަށް ފަރުތޮޅިއަކު ހަމަލަދީ ޒަހަމް ކޮށްލައިފިއެވެ. މިވަގުތު އިންޑިއާގެ ކޮޗީގައި ހުންނަ އަމްރިތާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ އެދިވެހި ޒުވާނާއަށް މިހާރު ވަނީ ފަރުވާ ދީ ސަލާމަތް ކޮށްފައެވެ.
ބޮޑެތި އަނިޔާތަކެއް ލިބުނު 32 އަހަރުގެ ދިވެހި ޒުވާނާގެ މައިބަދައަށާއި ކަރުގެ ނާރުތަކަށް ވަނީ ނުރައްކާތެރި ފަރުތޮޅީގެ ދަތްތަކުން ބޮޑެތި ޒަހަމްތަކެއް ކޮށްފައެވެ. އަދި އޭނާގެ ކަރުގެ ފަހަތުގައި ހުންނަ ނާރުތަކަށާއި މައިބަދައިގެ ކަށިތަކަށް ބޮޑެތި އަނިޔާތަކެއް ވަނީ ވެފައެވެ.
އެންމެ ފުރަތަމަ އެ ޒުވާނާ ގެންދެވުނީ ދިވެހިރާއްޖޭގެ ހޮސްޕިޓަލަކަށެވެ. އެތަނުގެ ޑޮކްޓަރުން އަނިޔާގެ ނުރައްކާތެރިކަން ދެނެގަތުމާއެކު، އިތުރު ފަރުވާއަށްޓަކައި ވައިގެ މަގުން ކޮޗީގެ އަމްރިތާ ހޮސްޕިޓަލަށް ގެންދެވުނެވެ.
އަމްރިތާ ހޮސްޕިޓަލަށް ގެނެވުނު އިރު، ބެރަކޫޑާގެ ތޫނު ދަތްތައް އޭނާގެ ނާރުތަކަށް ވަދެފައިވާ ކަމާއި، އޭގެ ސަބަބުން އޭނާގެ ވާތާއި ފައި މަސައްކަތް ނުކުރާކަމަށާއި އިތުރު ޓެސްޓުތަކުން މަހުގެ ދަތުގެ 10 އަށްވުރެ ގިނަ ބައިތައް އޭނާގެ ނާރުތަކުގައި ހަރުލާފައި ހުރިކަމަށް ދެއްކި ކަމަށާއި އޮޕަރޭޝަން ކުރިއިރު އެބައިތައް ނެގިކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
ޑރ. ސަޖެޝް މެނޮން، ޑރ. ޑާލްވިން ތޯމަސް އަދި ޑރ. މަންޒޫރު. ޓީ ގެ އިތުރުން އެނެސްތީސިއޮލޮޖީ ޑިޕާޓްމަންޓުގެ ޑރ. ގޯކުލް ދާސް. އެސް ހިމެނޭ ސްޕެޝަލިސްޓުންގެ ޓީމަކުން ވަރަށް ބޮޑު އޮޕަރޭޝަނެއް ކޮށް، ދަތްތަކުގެ ބައިތައް ނެގުމާއި އަނިޔާވެފައިވާ ތަންތަން ރަނގަޅުކުރުމުގެ މަސައްކަތް ކޮށް ކުރި އޮޕަރޭޝަން ކާމިޔާބުވުމާއެކު، މިހާރު އެޒުވާނާ ވަނީ އިތުރު ފަރުވާއަށް ވޯޑަށް ބަދަލުކޮށްފައެވެ. ޑޮކްޓަރުން މި އޮޕަރޭޝަން ސިފަކޮށްފައިވަނީ ވަރަށް މަދުން ކުރަންޖެހޭ އަދި ވަރަށް އުނދަގޫ އޮޕަރޭޝަނެއްގެ ގޮތުގައެވެ. އަދި އޮޕަރޭޝަނުގެ ކާމިޔާބުވުން އެމީހުން ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ.
އަނިޔާވި ޒުވާނާގެ ބޭބެ ބުނީ އަނިޔާގެ ބޮޑުކަމުން އާއިލާއިން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައި ކަމަށެވެ. ކޮއްކޮ ސަލާމަތް ވުމާމެދު ޝައްކުވެފައި ތިބި ނަމަވެސް، އަމްރިތާ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޚާއްޞަ އަޅާލުމާއި ފަރުވާގެ ސަބަބުން އޭނާގެ ކޮއްކޮގެ ފުރާނަ ސަލާމަތްކުރެވުނީތީ އުފާކޮށް ޝުކުރު އަދާ ކުރާކަމަށެވެ.

