ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުގެ ޚިދުމަތްތަކަށް ބުރޫއަރައިފިއެވެ.
ބީއެމްއެލްއިން މިއަދު ހެނދުނު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މެއިންޓެނެނެސްގެ މަސައްކަތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ މިއަދު ހެނދުނު 5:00 އިން 7:00 އަށް ދެ ގަޑިއިރުގެ މުއްދަތަކަށް ކަސްޓަމަރުންނަށް ބީއެމްއެލްގެ ކާޑު ޚިދުމަތްތަށް ބޭނުންކުރުމުގައި ދަތިވާނެ ކަމަށެވެ. އެހެންނަމަވެސް، އޭގެ ފަހުން ބޭންކުން ކުރި އިތުރު އިޢުލާނެއްގައި ބުނެފައިވަނީ މަރާމާތުގެ މަސައްކަތް ލަފާކުރެވުނު ވަގުތަށްވުރެ ދިގުލައިގެން ގޮސްފައިވާ ކަމަށާއި، އެހެންކަމުން ޚިދުމަތަށް ބުރޫއަރާނެ މުއްދަތު އިތުރުވެފައިވާ ކަމަށެވެ.
ބޭންކުން ދީފައިވާ އެންމެ ފަހުގެ މަޢުލޫމާތުގައިވާ ގޮތުން، މިއަދު މެންދުރުފަހު 2:30 އާ ހަމައަށް ކަސްޓަމަރުންނަށް އޭޓީއެމް އަދި ޕީއޯއެސް މެޝިންތައް ހިމެނޭގޮތަށް ބޭންކުގެ ކާޑު ޚިދުމަތްތަށް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭނެއެވެ. އެހެންނަމަވެސް، މި މުއްދަތުގެ ތެރޭގައިވެސް ކަސްޓަމަރުންނަށް ފައިސާ ދެއްކުމަށް މޮބައިލް އަދި އިންޓަރނެޓް ބޭންކިންގ ބޭނުންކުރެވޭނެ ކަމަށް ބޭންކުން ހާމަކޮށްފައިވެއެވެ.
ބީއެމްއެލްގެ ފަރާތުން ވިދާޅުވެފައިވަނީ، ބޭންކުގެ ޓީމުތަކުން ވީހާވެސް އަވަހަކަށް ޚިދުމަތްތައް އަލުން ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ދިމާވާ އުނދަގޫތަކަށް ބޭންކުން ވަރަށް ބޮޑަށް މަޢާފަށް އެދޭ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

