ރައީސް ޑރ. މުޢިއްޒާއި މަރިޔަމް ސާޖިދާގެ ފިރިހެން ދަރިކަލުން ޢުމައިރަކީ އެއްވެސް އިރަކު ވޭޕް ބޭނުންކުރި ކުއްޖެއް ނޫންކަމަށް މެޑަމް ސާޖިދާ ވިދާޅުވެއްޖެއެވެ.
މިއަދު ރައީސްގެ އާއިލާގެ ފަރާތުން ނޫސްވެރިންނަށް ބޭއްވި ބައްދަލުވުމުގައި ވަކީލު އާޒިމާ ވަނީ މެޑަމް ސާޖިދާގެ ބަސް ރައްދުކޮށްދީފައެވެ.
މެޑަމް ސާޖިދާގެ ނޫސްބަޔާނުގައި ފާހަގަކުރައްވާފައިވަނީ، ސިޔާސީ ގޮތުން ރައީސްއާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާ ގުޅިގެން، އެމަނިކުފާނުގެ ދަރިކަލަކާ ބެހޭގޮތުން ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފެތުރެމުންދާ ކަމަށެވެ. މީގެ ތެރޭގައި އެ ކުދިންގެ ތަޢުލީމާއި، މުސްތަޤްބަލާއި، އިޖްތިމާޢީ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާނެ ފަދަ ވާހަކަތައް ހިމެނޭ ކަމަށް އެކަމަނާ ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގެ ކޮންމެ ކުއްޖަކީވެސް ޤާނޫނީ ގޮތުން ޙިމާޔަތް ލިބިގެންވާ ދަރިއެއް ކަމަށްވާއިރު، މި ފަދަ ޢަމަލުތަކުގެ ސަބަބުން ކުދިންގެ ޢިއްޒަތާއި އަބުރަށް އުނިކަން ލިބޭ ކަންކަން ހިނގަމުންދާކަން މެޑަމް ފާހަގަކުރައްވާފައިވެއެވެ.
މި ޙާލަތުގައި، މައިންބަފައިންގެ ޒިންމާ އަދާކުރުމުގެ ގޮތުން އަޅުއްވަން ޖެހިވަޑައިގަތް ފިޔަވަޅެއްގެ ގޮތުގައި މި ނޫސްބަޔާން ނެރުއްވި ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި ޤާނޫނީ ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ ޢާއިލާގެ ފަރާތުން ނިންމަވާފައިވާއިރު، ގިނަ ބަޔަކު ދަނީ އެމް.ޑީ.ޕީގެ މި ދަށުފެންވަރުގެ ޢަމަލު ކުށްވެރިކުރަމުންނެވެ. އަދި މިކަމާ ދެކޮޅަށް އަޑުއުފުލައި، ކުޑަކުދިންގެ ޢިއްޒަތާއި ކަރާމާތަށް އުނިކަން ލިބޭނެ ފަދަ ޢަމަލުތައް ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހިންގުން ހުއްޓުވުމަށް ގޮވާލަމުންނެވެ.

