އިސްލާމީ ދާއިރާއިން ކުރިއަށްގެންދާ 14 މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެވުނީ މިއަދު އިސްލާމީ މަރުކަޒު ހޯލުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ޤުރުއާނާބެހޭ މަރުކަޒުގެ 2 ގޮފި އިމާރާތްކުރުމާއި، އެއް އިސްލާމީ މަރުކަޒު އިމާރާތްކުރުމާއި، އަދި 11 މިސްކިތް އިމާރާތްކުރުމެވެ. މި މަޝްރޫއުތަކުގެ ތެރެއިން 11 މަޝްރޫއު ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. އަދި 3 މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
އެއްބަސްވުންތަކުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުހައްމަދު ނަޖާހުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓޑ) އަޙުމަދު ސައުދީއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ މި މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށެވެ.
މި މަޝްރޫއުތަކުގެ ދަށުން އަޅާ މިސްކިތްތަކަކީ ސަރުކާރުގެ ޚަރަދުގައި އަޅާ މިސްކިތްތަކެކެވެ. ޤުރުއާނާ ބެހޭ މަރުކަޒުތަކުގައި 3 ކުލާސް ރޫމާއި ލައިބްރަރީ އަދި ހޯލު ހިމެނޭނެއެވެ. އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން ޖަލްސާކުރާ ހޯލާއި ލައިބްރަރީ، ކުލާސް ރޫމް ހިމެނޭނެއެވެ. މިސްކިތްތަކުގައި ސޯލާ އާއި އޭސީ ހަރުކޮށް، ވިނައިލް ފްލޯރިންގ އަޅައި، އަދި ޤުރުއާން ކިޔަވައިދޭ ކުލާހެއް ހިމެނޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވިއެވެ.
މި މަޝްރޫއުތަކުގެ ތެރެއިން ގިނަ މަޝްރޫއުތައް ނިންމުމަށް ކަނޑައަޅާފައިވަނީ 365 ދުވަހުގެ ތެރޭގައެވެ. ނަމަވެސް ށ. ފޯކައިދޫ އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް 900 ދުވަސް ދީފައިވާއިރު، ތ. ވޭމަންޑޫ އަދި ށ. ނޫމަރާގެ މިސްކިތްތައް ނިންމުމަށް 550 ދުވަސް ދީފައިވެއެވެ.
ުމި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ލ. މާބައިދޫ އަދި ޅ. އޮޅުވެލިފުށީގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުމާއި، ށ. ފޯކައިދޫގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރުމެވެ. މީގެ އިތުރުން ތ. ހިރިލަންދޫ، ސ. ފޭދޫ ހިއްކި ސަރަޙައްދު، ނ. ހެނބަދޫ، ތ. ވޭމަންޑޫ، ރ. އިނގުރައިދޫ، ހދ. ނެއްލައިދޫ، ށ. ނޫމަރާ، ބ. ކުޑަރިކިލު، ހއ. ބާރަށް، ބ. މާޅޮސް އަދި އއ. ފެރިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތްތައް އިމާރާތްކުރުން ހިމެނެއެވެ.

