ޒާތީވުމަކީ މުޖުތަމައުގެ އެއްބައިވަންތަކަން ނަގާލާ، އިޖުތިމާއީ ފޭރާން ފަސާދަކުރާނެ ކަމެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ވެސް ވާން ޖެހޭނީ ޕްރެފެޝަނަލް، އަދި ރައްޔިތުންނަށް ނަމޫނާ ހަރަކާތަކަށް" ކަމަށެވެ. އަދި އެންމެން ގުޅިގެން މަސައްކަތް ކުރަންވާނީ މުޖުތަމައުގެ ގަދަރާއި ކަރާމާތް ރައްކާތެރިކުރުމަށް ކަމަށް ވިދާޅުވިއެވެ. މިއީ ދުޅަހެޔޮ، ކުރިއަރާފައިވާ ގައުމެއް ބިނާކުރުމުގެ އަސާސް ކަމުގައިވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސްގެ މި ބަސްފުޅުތައް އައިސްފައިވަނީ، އެމްޑީޕީން މާލޭގައި ކުރަމުންދާ އިހުތިޖާޖުތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ބޮޑު ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ. އެމްޑީޕީގެ އިހުތިޖާޖެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު ވަނީ ރައީސް މުއިއްޒުގެ ދަރިކަލުންނާ ބެހޭ ގޮތުން ވަރަށް ޒާތީ ތުހުމަތުތަކެއް ކޮށްފައެވެ.
މި މައްސަލައިގެ ސީރިއަސްކަން ފާހަގަކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވަނީ މި ކަން ކުށްވެރިކޮށް ވަކިވަކިން ބަޔާން ނެރެފައެވެ.

