ސިޔާސީ ފަރާތްތަކުގެ އާއިލާތަކަށް ހަމަލާދިނުން ހުއްޓާލަންޖެހޭ ކަމަށް ކުރީގެ ރައީސް ޑރ. މުޙަންމަދު ވަޙީދު ޙަސަން ވިދާޅުވެއްޖެއެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ ސިޔާސީ ޚިޔާލުތަފާތުވުންތަކާއި ހަމަނުޖެހުންތަކުގެ ތެރެއަށް ކުޑަކުދިން ވެއްދުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ. އަދި ސިޔާސީ މީހުންގެ އާއިލާތަކަށް ހަމަލާ ދިނުމަކީ ސިޔާސީ ސަޤާފަތުގެ ތެރެއިން ފަހަކަށް އައިސް ރާއްޖޭގައިވެސް އާންމުވެފައިވާކަމެއްކަމަށާއި، މިއީ އެކަން ހުއްޓާލަންވީ ވަގުތުކަމަށްވެސް ރައީސް ޑރ. ވަޙީދު ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ރައީސް ޑރ. މުޢިއްޒުގެ އާއިލާއަށް ނިސްބަތްކުރައްވާ ފަތުރަމުންދާ ދޮގު ވާހަކަތައް ކުށްވެރިކުރައްވާފައެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފަައިވަނީ އިދިކޮޅު އެމްޑީޕީއިން ބާއްވާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރައީސް މުޢިއްޒުގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކުނު ހަޤީޤަތާ ޚިލާފު ވާހަކަތަކާ ގުޅިގެންނެވެ.
މިއަދު ދިމްޔާތުގައި ރައީސް ޑރ. މުޢިއްޒުގެ އާއިލާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލު އާޒިމާ ވަނީ ރައީސް މުޢިއްޒުގެ އާއިލާގެ ބަސް ރައްދުކޮށްދީފައެވެ.
އެ ނޫސްބަޔާނުގައި ފާހަގަކުރައްވާފައިވަނީ، ސިޔާސީ ގޮތުން ރައީސްއާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާ ގުޅިގެން، އެމަނިކުފާނުގެ ދަރިކަލަކާ ބެހޭގޮތުން ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފެތުރެމުންދާ ކަމަށެވެ. މީގެ ތެރޭގައި އެ ކުދިންގެ ތަޢުލީމާއި، މުސްތަޤްބަލާއި، އިޖްތިމާޢީ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާނެ ފަދަ ވާހަކަތައް ހިމެނޭ ކަމަށް އެކަމަނާ ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގެ ކޮންމެ ކުއްޖަކީވެސް ޤާނޫނީ ގޮތުން ޙިމާޔަތް ލިބިގެންވާ ދަރިއެއް ކަމަށްވާއިރު، މި ފަދަ ޢަމަލުތަކުގެ ސަބަބުން ކުދިންގެ ޢިއްޒަތާއި އަބުރަށް އުނިކަން ލިބޭ ކަންކަން ހިނގަމުންދާކަން މެޑަމް ސާޖިދާ ނޫސްބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
މި ޙާލަތުގައި، މައިންބަފައިންގެ ޒިންމާ އަދާކުރުމުގެ ގޮތުން އަޅުއްވަން ޖެހިވަޑައިގަތް ފިޔަވަޅެއްގެ ގޮތުގައި މި ނޫސްބަޔާން ނެރުއްވި ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި ޤާނޫނީ ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ ޢާއިލާގެ ފަރާތުން ނިންމަވާފައިވާއިރު، ގިނަ ބަޔަކު ދަނީ އެމް.ޑީ.ޕީގެ މި ދަށުފެންވަރުގެ ޢަމަލު ކުށްވެރިކުރަމުންނެވެ. އަދި މިކަމާ ދެކޮޅަށް އަޑުއުފުލައި، ކުޑަކުދިންގެ ޢިއްޒަތާއި ކަރާމާތަށް އުނިކަން ލިބޭނެ ފަދަ ޢަމަލުތައް ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހިންގުން ހުއްޓުވުމަށް ގޮވާލަމުންނެވެ.

