ޤައުމީ އެއަރލައިން މޯލްޑިވިއަން މިއަހަރުގެ ތެރޭގައި ސައުތު އެފްރިކާއާއި ޖަރުމަނުވިލާތަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެފިއެވެ.
މި މަޢުލޫމާތު ހާމަކޮށްފައިވަނީ މޯލްޑިވިއަންގެ ޚިދުމަތް ފުޅާކޮށް، ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމުގެ ސަރުކާރުގެ އަމާޒާ އެއްގޮތަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް، މިއަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހު ޤައުމީ އެއަރލައިނަށް ވައިޑް-ބޮޑީ އެއަރކްރާފްޓެއް ގެނެވުނެވެ. މި އެއަރކްރާފްޓަކީ 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330-200 ވެރިއަންޓް އެއަރކްރާފްޓެކެވެ.
މިހާރު މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު ދަތުރުކުރަމުންދަނީ ޗައިނާގެ ތިން މަންޒިލަށެވެ.
އެއީ ބެއިޖިން، ޝަންގހާއި އަދި ޗެންޑޫއެވެ.
މި ދަތުރުތަކަށް ވަރަށް ބޮޑު ޑިމާންޑެއް އޮތްކަމަށް މޯލްޑިވިއަންއިން ފާހަގަ ކޮށްފައިވާއިރު އޮކްޓޯބަރު މަހުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ އެއަރކްރާފްޓެއް ގެނައުމަށް ވަނީ ރޭވިފައެވެ.
މިނިސްޓަރ އަމީން ވިދާޅުވި ގޮތުގައި ޖަރުމަނުވިލާތާއި ސައުތު އެފްރިކާއަށް ދަތުރުތައް ފެށުމުން، އެ ޤައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ދުރު މަންޒިލްތަކުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ވަގުތު ސަލާމަތްވެގެންދާނެއެވެ.

