އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އައިޝަތު ފިފްޝީން އަލީ މަގާމުން ވަކިކޮށްފިއެވެ.
މި މަޢުލޫމާތު ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.
ފިފްޝީން އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެވިފައިވަނީ މިއަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހުއެވެ. އެހެންކަމުން އޭނާ އެ މަގާމުގައި ހޭދަކުރެއްވީ ކުރު މުއްދަތެކެވެ.
އެސްޑީއެފްސީއަކީ ރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ މާލީ ދަތިތައް ހައްލުކުރުމަށް އެހީތެރިވުމުގެ މަޤްޞަދުގައި ޤާއިމްކުރެވިފައިވާ ސަރުކާރުގެ ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު އަމާޒަކީ ވިޔަފާރިތަކަށް ފަސޭހަ ގޮތެއްގައި ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
އެސްޑީއެފްސީގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ ރާއްޖޭގައި އަލަށް ފަށާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މިގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށްގެން ލުއި ޝަރުތުތަކެއްގެ ދަށުން ލޯނު ދޫކުރުމުގެ ޕްރޮގްރާމްތައް ކުންފުނިން ހިންގަމުން ގެންދެއެވެ

