އިދިކޮޅު އެމްޑީޕީން ފާއިތުވި ހަފްތާގައި ކުރި މުޒާހަރާއަކާ ގުޅިގެން، އެ ޕާޓީގެ ދެ އެކްޓިވިސްޓުން ކަމަށްވާ މަރިޔަމް ޒުބައިރާއި ފާތުމަތު ޝިއުނާ ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފިއެވެ.
ފުލުހުން މިއަދު ފޮނުވި ޗިޓުގައި ބުނެފައިވާ ގޮތުގައި، އެ ދެ މީހުން ހާޒިރު ކުރަނީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭ މާލޭގެ އެކި ސަރަހައްދުތަކުގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނާ ޚިލާފަށް އަޑުގަދަކޮށް މުޒާހަރާކުރުމުގެ ސަބަބުންނެވެ. މީގެ އިތުރުން، އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ހަރަކާތްތެރިވުމާއި ފުލުހުންގެ ދައުރަށް ހުރަސްއެޅުމުގެ ތުހުމަތު ވެސް އެ ދެ މީހުންގެ މައްޗަށް ކުރެވިފައިވެއެވެ.
ޗިޓުގައިވާ ގޮތުން، މަރިޔަމް ޒުބައިރާއި ފާތުމަތު ޝިއުނާ ފުލުހަށް ހާޒިރުވާން ޖެހެނީ އަންނަ ހޯމަ ދުވަހުއެވެ.
އެމްޑީޕީން ފަހަކަށް އައިސް ބާއްވަމުންދާ މުޒާހަރާތަކުން މުޒާހަރާގައި މަންދީ ވަނީ ރައީސް މުޢިއްޒުގެ 16 އަހަރުގެ ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒު ވޭޕް ބޭނުންކުރައްވާ ކަމަށް ތުހުމަތުކޮށް އަދި ރާއްޖޭގައި ވޭޕް މަނާކުރަން އެކަން ހައްލު ނުވާ ހިސާބަށް ދިއުމުން ކަމަށް ބުނެ ތުހުމަތުތަކެއް ކޮށްފައެވެ. ހަމަ މިއާ ވިދިގެން އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް ވަނީ މަންދީގެ ބަސްތަކަށް ހިތްވަރުދިނުމަށް، “އެކްސް” (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓެއް ކޮށްފައެެވެ.
މިވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލްއާއި މަރިޔަމް ޒުބައިރު (މަންދީ) އަދި އެމްޑީޕީގެ މައްޗަށް ދަޢުވާ ކުރުމަށް ރައީސް ޑރ މުއިއްޒުގެ އާއިލާ އިން ވަނީ ނިންމަވާފައެވެ.

