ބ. ކަމަދޫ އާއި ދ. މާއެނބޫދޫގެ ފުޓްބޯޅަ ދަނޑު ޤާއިމްކުރުމާއި، ޅ. ކުރެންދޫ ދަނޑުގެ ލައިޓް ހަރުކުރުމުގެ އިތުރުން ހަތަރު ރަށަކަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިން ހޯދުމަށް ފެނަކައާ ހަވާލުކޮށްފިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުއްޓިފައި ހުރި ކުޅިވަރު ޕްރޮޖެކްޓްތައް ފުރިހަމަކުރުމުގެ ޕްރޮގްރާމް ސަރުކާރުން މިދިޔަ އަހަރު ފެށިއިރު، އެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިންމާފައެވެ. މި މަސައްކަތްތައް ވީހާވެސް އަވަހަށް ހަރުދަނާ ގޮތެއްގައި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މި ޕްރޮޖެކްޓްތައް ހަވާލުކޮށް މި އަހަރުގެ ދެވަނަ ކުއާޓާގެ ތެރޭގައި ނިންމުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ.
މި މަސައްކަތުގެ ތެރެއިން ދެ ރަށެއްގެ ފުޓްބޯޅަ ދަނޑު ގާއިމްކުރުމާއި، ކުރެންދޫގެ ފުޓްބޯޅަ ދަނޑުގެ ލައިޓިން ހަރުކުރުމުގެ އިތުރުން ހަތަރު ރަށެއްގެ ޓާފް އިންސްޓޯލްކުުރުމަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިން ހޯދުމަށް ފެނަކައާ މިއަދުވަނީ ހަވާލުކުރެވިފައެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއިއެކު މިއަދު ސޮއިކުރެވުނު އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ރިޓަޔާޑް މުޙައްމަދު ނަޖާހުއެވެ.
މި އެއްބަސްވުމުގެ ދަށުން
- ޅ. ކުރެންދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް 90 ދުވަހުގެ ތެރޭ ނިންމުމަށް، ހޭދަވާނީ 1.6 މިލިއަން ރުފިޔާ
- ބ. ކަމަދޫ ފުޓްބޯޅަ ދަނޑުގެ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުން 60 ދުވަހުގެ ތެރޭ ނިންމުމަށް، ހޭދަވާނީ 4.7 މިލިއަން ރުފިޔާ
- ދ. މާއެނބޫދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް 120 ދުވަހުން ނިންމުމަށް، ހޭދަވާނީ 6 މިލިއަން ރުފިޔާ
- ހަރަދުވާ މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ދަނޑުގެ ޓާފް އިންޓޯލްކުރުމާއި، ފަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް
މި މަސައްކަތްތަކުގެ އިތުރުން ބ. ކެންދޫ، ބ. ދަރަވަންދޫ، ބ. ތުޅާދޫ އަދި ރ. މީދޫގެ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިނާއި ބެންޗުތައް ހޯދުމަށްވެސްމިއަދު ފެނަކަ ކޯޕަރޭޝަންއާ ވަނީ ހަވާލުކުރެވިއެވެ.

