ކުޅިވަރު ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، ކ. ކާށިދޫ އާއި އދ. ހަންޏާމީދޫ އަދި ބ. މާޅޮހުގެ ފުޓްބޯޅަ ދަނޑާއި، އއ. ތޮއްޑޫގެ އިންޑޯ ބެޑްމިންޓަން ކޯޓު ނިންމުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތައް ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢުއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހެއިރުއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކުގެ ތަފްސީލު:
• ކ. ކާށިދޫ ފުޓްބޯޅަ ދަނޑު:
– ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތުގައި ހިމެނޭ ޑްރޭގް ބްރަޝް ހޯދުން
– މުއްދަތު: 45 ދުވަސް
– އަގު: 86,400 ރުފިޔާ
• އދ. ހަންޏާމީދޫ ފުޓްބޯޅަ ދަނޑު:
– ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުން
– ވަށާފާރު ރޭނުން
– ފެންސް ޖެހުން
– މުއްދަތު: 90 ދުވަސް
– އަގު: 5.8 މިލިއަން ރުފިޔާ
• ބ. މާޅޮސް ފުޓްބޯޅަ ދަނޑު:
– ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުން
– ލައިޓިން ސިސްޓަމް ހަރުކުރުން
– ވަށާފާރު ރޭނުން
– ފެންސް ޖެހުން
– ރޮސްޓްރަމްގެ މަސައްކަތް
– މުއްދަތު: 90 ދުވަސް
– އަގު: 11.9 މިލިއަން ރުފިޔާ
• އއ. ތޮއްޑޫ އިންޑޯ ބެޑްމިންޓަން ހޯލު:
– މުއްދަތު: 180 ދުވަސް
– އަގު: 5 މިލިއަން ރުފިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ރާއްޖޭގެ އެކި ސަރަހައްދުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ވީހާވެސް އަވަހަށް ނިންމައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ގާއިމްކުރުމަުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ. މިގޮތުން ރަށްރަށުގައި ހުއްޓިފައިހުރި މަޝްރޫޢުތައް ސަރުކާރުގެ އެސްއޯއީތަކާ ހަވާ ހަވާލުކޮށްގެން އަވަހަށް ނިންމުމަށް ރައީސް ވަނީ މިދިޔަ މަހު އިޢުލާނުކުރައްވާފައެވެ.

