ރާއްޖޭގެ 75 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ 3 ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، މިއީ މިހާތަނަށް ކުނީގެ މައްސަލައަށް ޙައްލެއް ގެނައުމަށް ތިމާވެށީގެ ދާއިރާއިން ކުރެވޭ އެންމެ ބިޔަ މަޝްރޫޢު ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން އެމްޓީސީސީން 26 ރަށުގައި، ފެނަކައިން 25 ރަށުގައި އަދި އާރްޑީސީން 24 ރަށުގައި ހުރި ކުނިކޮށީގެ މަސައްކަތް ކުރުމަށް ވަނީ ޙަވާލުކޮށްފައެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭއްވުނު ރަސްމިއްޔާތުގައި ތިން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، މި މަޝްރޫޢަކީ ތިމާވެށީގެ އިތުރުން ލޯކަލް ޓޫރިޒަމަށްވެސް މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި ރަށްރަށުގައި ލޯކަލް ޓޫރިޒަމް ތަރައްޤީވެގެންދާއިރު ރަށްރަށުގެ ސާފުތާހިރުކަން ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތިން ކުންފުނީގެ އިސްވެރިންވެސް ވަނީ މި މަސައްކަތް ތާވަލާ އެއްގޮތަށް ނިންމާލުމަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިގޮތުން މި މަހުގެ ތެރޭގައި ސައިޓު މޮބިލައިޒް ކުރުމުގެ މަސައްކަތް ފަށާ، ރަމަޟާން މަހަށްފަހު ޢަމަލީ މަސައްކަތް ފައްޓަވާނެކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢާއެކު މިހާރު 109 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ތަރައްޤީކުރުމަށާއި އަޕްގްރޭޑްކުރުމުގެ މަސައްކަތް ޙަވާލުކުރެވިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި 17 ރަށެއްގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ބާކީ ހުރި ރަށްރަށުގެ މަސައްކަތް މިހާރު އެކި މަރުޙަލާތަކުގައި ދަނީ ކުރަމުން ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

