މިއީ ފަތިސް ނަމާދުގެ ބަންގިއަށްފަހު ނަމާދު ފެށެންދެން މިސްކިތުގައި ޤުރުއާން ކިޔަވަން އިން ޒުވާނެއްގެ ވާހަކައެވެ.
އާދައިގެ މަތިން އެދުވަހުވެސް އޭނާ އިނީ ޤުރުއާން ކިޔަވާށެވެ. މުދިން މީހާ ޤަމަތް ދިނުމުން ތެދުވެގެން ގޮސް ކުރީންވެސް އޮތް ތަނުގައި މުސްޙަފު ބާއްވާފައި ސަފު ހެދުމަށް މި ޒުވާނާ ވެސް އަވަސްވެގަތެވެ. ނަމަވެސް ކުއްލިއަކަށް މީނާ ހޭނެތިގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. ނަމާދަށް ތައްޔާރު ވެގެން ތިބި މީހުންގެ ތެރެއިން ބަޔަކު އޭނާ ނަގައިގަނެގެން ހޮސްޕިޓަލަށް ގެންދިޔައެވެ.
ޒުވާނާގެ ޙާލު ލޮލުން ދުށް ޑޮކްޓަރު ޖުބައިރު ބުންޏެވެ.
“މައްޔިތަކު އުފުލައިގެން ގެންނަފަދައިން އަހަރެމެންގެ ގާތަށް އޭނާ ގެނެވުނެވެ. އަހަރެން ބެލިބެލުމުން އެނގުނީ އޭނާއަށް ވަރަށް ވަރުގަދަ ސްޓުރޯކެއް ޖެހިފައިވާކަމެވެ. ޒުވާނާއާ ދިމާއަށް އަހަރެން ބަލައިލި އިރު ފެނުނީ އޭނާގެ ޙަޔާތުގެ އެންމެ ފަހުވަގުތު ކޮޅު ގުނަމުން މަރާހަނގުރާމަ ކުރަމުން ދިޔަތަނެވެ. އޭނާއަށް އެހީވުމަށް އަހަރެމެން އަވަސްވެގަތީމެވެ. އަދި އޭނާގެ ހިތުގެ ހިނގުން ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަން ފެށީމުއެވެ. އިމަޖެންސީ ޑަކުޓަރަށް އޭނާގެ ޙާލު ބެލުމަށް އަންގާފައި އަހަރެން އޭނާގެ ފަރުވާއަށް ބޭނުންވާ ބައެއް ސާމާނު ގެނައުމަށް އަވަހަށް ދިޔައީމެވެ. ގިނައިރެއްނުވެ އަހަރެން އެނބުރި އައި އިރު ޒުވާނާ އޮތީ އިމަޖެންސީ ޑަކުޓަރުގެ އަތުގައި ހިފަހައްޓައިގެންނެވެ. ޑަކުޓަރުގެ ކަންފަތްދޮށުގައި އެޒުވާނާ ވަރަށް މަޑުމަޑުން ކޮންމެވެސް ވާހަކައެއް ބުނަނީއެވެ. އެހެންކަމުން އަހަރެން އިރުކޮޅެއްވާންދެން މަޑުކޮށްލައިގެން ހުރީމެވެ.
ކުއްލި އަކަށް އޭނާ ޑަކުޓަރުގެ އަތުން ދޫކޮށްލާފައި އޭނާގެ ކަނާތްފަޅިއަށް އެނބުރުމަށް ވަރަށް މަސައްކަތްކުރިއެވެ. އަދި ވަރަށް މަސައްކަތުން އޭނާ أشهد أن لا إله إلا الله ، وأشهد أن محمداً عبده ورسوله މިފަދައިން ކިޔެވެ. ތަކުރާރުކޮށް އޭނާ ޝަހާދަތް ކިޔަމުން ދިޔަ އިރު ހިތުގެ ވިންދު ދަށްވަމުން ދިޔައެވެ…
އަދި އަހަރެމެން އޭނާ ސަލާމަތް ކުރުމަށް އަވަދިނެތި މަސައްކަތްކުރަމުން ދިޔައީމެވެ… އެހެންނަމަވެސް ﷲ ތަޢާލާ އޭނާއަށް ކަނޑައަޅުއްވާފައިވާ އަޖަލު އައިސް ޖެހުމުން އަހަރެމެން ކުރި އެއްވެސް ކަމަކުން ފައިދާއެއް ނުކުރިއެވެ.
އެޒުވާނާ މަރުވީއެވެ. މިއާއެކު އިމަޖެންސީ ޑޮކުޓަރު އަޑުން އަޑުނަގާފައި ރޯން ފަށައިފިއެވެ. އޭނާއަށް ދެފައިމައްޗަށް ކޮޅަށް ހުރެވޭވަރުވެސް ނުވެއެވެ. އަހަރެމެން ހައިރާންވެގެން އެހީމެވެ. ޑޮކްޓަރު ތިވަރަށް ތިޔަރޮނީ ކީއްވެގެންހެއްޔެވެ؟ މީގެކުރިންވެސް ޑޮކްޓަރަށް ވަނީ މީހުންގެ ފުރާނަ ދާ މަންޒަރު ފެނިފައި ނޫންހެއްޔެވެ؟
އަހަރެމެން ދެއްކި އެއްވެސް ވާހަކަ އަކަށް ޖަވާބެއް ނުދީ އޭނާ ހަމަ ގިސްލަގިސްލާފައި ރުއީއެވެ. ރުއިން މަޑުވެ ހަމައަކަށް އެޅުމުން އަހަރެމެން އަނެއްކާވެސް އެހީމެވެ. ޑޮކްޓަރު ގާތުގައި އެޒުވާނާ ބުނީ ކީކޭހެއްޔެވެ؟
ޖަވާބުގައި އޭނާ ބުންޏެވެ. ޑޮކްޓަރު ޖުބައިރު އައިސްގޮސްވެ، ދެންތިބި މީހުނަށް ކުރާންވީ ކަންކަމާއި ނުކުރާންވީ ކަންކަން އަންގައި، އޭނާގެ ފުރާނަ ސަލާމަތްކުރަން މަސައްކަތް ކުރާތަން ފެނުމުން ތިޔައީ އޭނާއާ ޙަވާލުވެގެން ހުންނެވި ޚާއްޞަ ޑޮކްޓަރުކަން އެނގުނެވެ.
އެހެންވެ އޭނާ އަހަރެންގާތުގައި ބުންޏެވެ. “ޑޮކުޓަރެވެ. ތިބާގެ އެކުވެރި ކާރޑިއޮލޮޖިސްޓު ގާތުގައި އަހަރެން ސަލާމަތްކުރަން އެހާބުރަކޮށް މަސައްކަތް ނުކުރުމަށް ދަންނަވާށެވެ. އަހަރެން މި މަރުވަނީއެވެ. ﷲ ގަންދީ ބުނަމެވެ. ސުވަރުގޭގައި އަހަންނަށް ޚާއްޞަކުރެވިފައިވާތަން އަހަންނަށް އެހަރަ ފެންނަނީއެވެ. الله أكبر!”
ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނަ
“ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ اللهއޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް މަލާއިކަތުން ފައިބައިވަޑައިގަންނަވާނެތެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް ވަޢުދުކުރެވިގެންވާ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ!” – سورة فصلت: 30
މިއީ ﷲ އަށް ކިޔަމަންތެރީންގެ ތެރެއިން މީހަކު މަރުވެދިޔަގޮތުގެ ވާހަކައެވެ.
ﷲތަޢާލާ އަޅުގަނޑުމެން އެންމެންނަށްވެސް މިފަދަ ހެޔޮ ނިމުމެއް މިންވަރު ކޮށްދެއްވާށި އެވެ. އާމީން.

