މި ކުޑަ ޖަޒީރާ ދިވެހި ރާއްޖެއަކީ ޒަމާނުއްސުރެ އެއްބައިވަންތަކަމާއި ގައުމީ ރޫހު މުޅި ދުނިޔެއަށް ދައްކަމުން އައި ނަމޫނާ ރައްޔިތެއް ދިރިއުޅެމުން އައި ގައުމެކެވެ. އަމިއްލަ ވަޒަނާއި، އިސްލާމް ދީނުގެ ދިފާޢުގައި ލޭ އޮހޮރުވާލި ދަރިންތަކެއް އުފަންވި މިގައުމަކީ އަމިއްލަވަންތަކަމަށް ލޯބިކުރާ، އަމިއްލަ މަސައްކަތުން ދިރިއުޅުން އާރާސްތު ކުރަމުން އައި ދެވަނައެއް ނެތް ރާއްޖެއެކެވެ.
ޒަމާންވީ ޤައުމީ ރޫހާއި ލޯބި، އެއްބައިވަންތަކަމާއި އެކުވަންތަކަން ތަޖުރިބާކުރި ދިވެހިން ތިބިއިރު، ދުރުނޫން ތާރީޚެއްގައި ދިވެހިރާއްޖޭގެ މަޝްރަހަށް ވެރިވެގަތް ސިޔާސީ ކަންތައްތަކުގެ ސަބަބުން އެކަކު އަނެކަކަށް އެއްޗެހި ގޮވާ ގެއްލުން ދޭ ހިސާބަށް މިއަދު މިގައުމު މިވަނީ އައިސްފައެވެ. މި ފަހުގެ ތާރީޚުގައި ދިވެހިންގެ ތެރޭގައި މައިގަނޑު ގޮތެއްގައި ދެ ފިކުރެއް އޮންނައިރު، ޤައުމީ ލޯތްބަށް އެކަކު އަނެކަކަށް ހަޖޫ ޖަހަން ފެށިއެވެ. ހަގީގީ ގައުމީ ރޫހަކީ ކޮބައި ކަމެއް މިއަދަކު ނޭނގެއެވެ. އާރާއި ބާރާއި، ފައިސާ އަށް މިއަދު ދިވެހިން ހެއްލިގެން ތިބި އިރު، އިސްލާމީ ރިވެތި އަޚްލާގުގެ މަތިންވެސް މިއަދު ދިވެހި ހަނދާނެއް ނެތެވެ.
އާދަކާދާއިގެ މަތިން ނޫހަކުން ޚަބަރެއް ކިޔާލަން މަސައްކަތް ކުރުމުން ފެންނަނީ އެކަކު އަނެކަކަށް އެއްޗެހި ގޮވާ، އެކަކު އަނެކެއްގެ ދެމެދުގައި އޮންނަ ނަފްރަތު ބޭރުކޮށްލާ ޚަބަރުތަކެވެ. ރައްޔިތުންނޭ، ގައުމޭ ކިޔައިގެން އަމިއްލަ މަންފާއަށް މަސައްކަތް ކުރަމުންދާ ސިޔާސީ ވެރިންގެ ވާހަކަތައް ހުރިހާ ނޫހެއްގައި ލިޔެފައި އޮންނައިރު، މިއީ ދެގައުމެއްގެ ދާޚިލީ ހަނގުރާމައެކޭވެސް ހިތައް އަރައެވެ. ރައްޔިތުންގެ މަޖިލީހޭ ކިޔައިގެން އަމިއްލަ މަންފާއަށް މަސައްކަތް ކުރަމުންދާ މެމްބަރުންގެ ވާހަކަތަކައް ބަރޯސާވާ ދިވެހި އާންމު ރައްޔިތުންވެސް މިއަދު މި ގައުމަކު މަދެއް ނޫނެވެ.
އެހެން ނަމަވެސް ހިތާމައަކީ، އެންމެ ގިނައިން ގައުމޭ، ވަތަނޭ ކިޔައި ހަޅޭލަވާ ސީޔާސީ ހަރަކާތުގައި ކުޑަވެސް ގައުމީ ކުލުނެއް ނެތުމެވެ. މަންޒަރު ބަލަން ހުއްޓަސް، އަދި އެންމެ ކުރީ ސަފުގައި ހުއްޓަސް، ހިތުގައި ޖަހަނީ ސިޔާސީ ބެރެކެވެ.
ހަޤީޤީ ޤައުމީ ރޫހަކީ ކޮބައި ކަމެއް މިއަދު މިދަނޑިވަޅު ދިވެހި ރައްޔިތުންނަށް އޮޅިގެނެއް ނުދާނެއެވެ. ސާފް ޗެމްޕިއަންޝިޕް ގެ ފުޓްބޯޅަ މުބާރާތް ކުޅެމުން މިދާ ދަނޑިވަޅުގައި ދިވެހިންގެ ތެރޭގައި އަދިވެސް ގިނައީ ގައުމީ ލޭ ހުރި ދިވެހި ދަރިން ކަން ޔަގީންވެއެވެ. ދިވެހިންގެ ފުޓްބޯޅަ ޓީމް ކުޅެމުންދާ މެޗު ބެލުމަށް ދިވެހި ދަރިންގެ ހުރި ޖޯޝައި ފޯރި ފެނި ހައިރާންވެއެވެ. ދަނޑަށް ވަދެ ތިބޭ ސަޕޯޓަރުން، ވަރުބަލި ކަމެއް ނެތި އެލަވަ ހަޅޭކުން އަންތަރީސްވެއެވެ. ޓިކެޓް ނުލިބިގެން އެ އަންނަ ރުޅިން އަޖައިބުވެއެވެ.
ހަގީގަތަކީ، ދިވެހިންގެ ގައުމީ ރޫޙަކީ މިއެވެ. ދިވެހި ގައުމަށްޓަކާއި ދިވެހިން އެދައްކާ ފޯރިއެވެ. ސާފް ޗެމްޕިއަންޝިޕް މުބާރާތް ފެށުނު ފަހުން ގައުމޭ ކިޔައިގެން އުޅުނު ސިޔާސީ ވެރިންގެ އަނގަ ބަންދުވެއްޖެވެ. ދެއިރު ދެދަޅައަށް އެއިރު ޓްވީޓު ކުރި ސިޔާސީ މުފައްކިރުން މިއަދު އަނގަ ބަންދުވީ ގައުމީ ކަމެއް މި ގައުމުގައި ނުހިނގާތީ ތޯ ސުވާލު ކުރެވެއެވެ. ފޯރިގަދަ މެޗުތަކަށް ކުޑަވެސް ހިތްވަރެއް ދީ އުޅޭ ސިޔާސީ މީހުންގެ އަދަދު އިނގިލިން ގުނާލެވޭހާ މަދެވެ.
ގައުމީ ރޫހުގައި ވަތަނީ ލޯބީގައި ޣަރަގުވެފައިތިބި ދިވެހިންގެ އަމަލު ތަކުން ޓިވީ ސްކީރިނުން ބަލަން ތިބޭ ދިވެހި ރައްޔިތުންގެ ލޮލުން ކަރުނަ ހިލުވާލައެވެ. މޮޅު ކުޅުމެއް ދައްކަމުން އަންނަ މެޗުން ކިރިޔާވެސް ބަލި އަރިއަކަށް ޖެހިލާ އިރު، ދިވެހި ރައްޔިތުންގެ ހިތުގައި ޖަހާ ވަތަނީ ބެރުގެ އަޑު ބާރުވެއެވެ. މޮޅެއް ވެއްޖެ ނަމަ ދެން އިތުރަށް އެވާހަކަ ދެއްކުމުގެ ބޭނުމެއްވެސް ނެތެވެ. ރުޅި މޫނެއް ދައްކަން ޖެހޭ އެކަކުވެސް ނުހުރެއެވެ. ސިޔާސީ ކަންކަމުގައި ގުޅުން ކަނޑަލި އެއްބަޑު މީހުންނާއި އެކު ސިޔާސީ ހަތުރުން ގައުމީ މިތުރުންނަށް ވެގެންދާތަން ފެނުމަކީ ހަމަ ހަގީގަތުގައި ވެސް އުފަލުން ރޮވޭ މަންޒަރަކެވެ. ގައުމީ ރޫހަކީ ލޮލުން ކަރުނަ އަންނަހާ ވަރުގަދަ ރޫހެކެވެ.

