އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ތަޢާރަފުކޮށްފައިވާ "ވިޔަފާރި އެހީ" ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެސްޑީއެފްސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ލޯނަކީ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ދިމާވާ ފައިސާގެ ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ތަޢާރަފުކޮށްފައިވާ ލޯނެކެވެ. މި ލޯނުގެ ދަށުން އެންމެ ގިނަވެގެން 1.5 މިލިއަން ރުފިޔާއާ ހަމައަށް ނެގުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި ލޯނަށް އެދި ހުށަހެޅޭނީ ވޭތުވެދިޔަ އެއް އަހަރު ދުވަހު މެދުކެނޑުމެއްނެތި ވިޔަފާރިކުރަމުންދާ ފަރާތްތަކަށެވެ. އަދި މި ލޯނުގެ ފައިސާ ބޭނުންކުރެވޭނީ މުދާ ގަތުމަށާއި ދުވަހުން ދުވަހަށް ހިނގާ ވިޔަފާރީގެ ޚަރަދުތައް ކުރުމަށެވެ.
އެސްޑީއެފްސީން ހާމަކުރެއްވި ގޮތުގައި 700,000 ރުފިޔާއަށްވުރެ މަތީ އަދަދެއްގެ ލޯނެއް ނަގާނަމަ ރަހުނެއް ބަހައްޓަން ޖެހޭނެއެވެ. މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ އަހަރަކު 9.5 އިންސައްތައެވެ. އަދި ގްރޭސް ޕީރިއަޑްގެ ގޮތުގައި 6 މަސް ދުވަހާއި، ލޯނު އަނބުރާ ދެއްކުމަށް 5 އަހަރު ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
2019 ވަނަ އަހަރު އުފެއްދި އެސްޑީއެފްސީގެ މައިގަނޑު މަޤްޞަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަލަށް ފެށުމަށާއި، ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްޤީކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. ލޯނަށް އެދި ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެސްޑީއެފްސީގެ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅިދާނެއެވެ.

