ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު)ގެ އެޑްވައިޒަރެއްގެ މަޤާމަށް މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އައްޔަންކޮށްފިއެވެ.
މި އައްޔަންކުރެއްވުމުގެ ކުރިން، މިމަހުގެ 12 ވަނަ ދުވަހު ނަރީޝް ވަނީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމާއި މާފަންނު މެދު ދާއިރާގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާގައި ނަރީޝް ވަނީ ޤައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ޚިދުމަތްކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމާ ގުޅިގެން ކަމަށް ވިދާޅުވެފައެވެ.
އިސްތިއުފާ ދެއްވަމުން ނަރީޝް ވަނީ މާފަންނު މެދު ދާއިރާގެ ރައްޔިތުންނަށާއި، އޭނާގެ ކެމްޕޭނުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހާއްސަކޮށް ރައީސް ޑރ މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ހުންނެވިއިރުގެ އެހީތެރިކަމަށް ޝުކުރު ދަންނަވާފައެވެ.
“މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރަކަށް މަސައްކަތްކުރުމަކީ އެކި ދާއިރާތަކުން ތަފާތު ތަޖުރިބާތައް ކުރެވި، ޝަޚްޞިއްޔަތު ބައްޓަންކުރަން ލިބުނު ރަނުގެ ފުރުސަތެއް،” ނަރީޝް ވިދާޅުވިއެވެ.

