ރޯދަމަހުގެ ފުރަތަމަ 7 ދުވަހާއި އަޅާބަލާއިރު، މިދިޔަ ހަފްތާގައި ދުވާލެއްގެ މައްޗަށް ކަރަންޓު ބޭނުންކުރަމުންދާ މިންވަރު އިތުރުވެފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފިއެވެ.
ސްޓެލްކޯގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މާލެ ސަރަޙައްދުގައި ރޯދަ މަހުގެ ފުރަތަމަ 7 ދުވަހާއި ގާތްގަނޑަކަށް އެއް މިންވަރަކަށް މިދިޔަ 7 ދުވަހުވެސް ކަރަންޓު ބޭނުން ކޮށްފައިވާކަން ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.
"ފުރަތަމަ ހަތް ދުވަހެކޭ އެއްގޮތަށް މި ދުވަސްތަކުގައިވެސް އެއްގަޑިތަކެއްގައި ކަރަންޓު ބޭނުން ކުރަމުންދާ މިންވަރު މަތިވެފައިވޭ. އަދި މި ދުވަސްތަކުގައި ޖުމްލަކޮށް ދުވާލެއްގެ މައްޗަށް ކަރަންޓު ބޭނުން ކުރަމުންދާ މިންވަރު ފުރަތަމަ ހަތް ދުވަހާއި އަޅާބަލާއިރު އިތުރު ވަމުންދޭ،" ސްޓެލްކޯ
ޕީކް ސީޒަނާއި ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ލަފާކޮށް، ހުޅުމާލޭގައި ޤާއިމުކުރި ބެކަޕް އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އަހްމަދު ޝަރުމީޒު ވިދާޅުވީ، މިއަހަރުގެ ޕީކްސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
ސްޓެލްކޯއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު މިހާރަށްވުރެއްވެސް އިތުރުވާނެކަމަށް ލަފާކޮށް، ކަރަންޓު އިޤްތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއްދެއްވުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، މި ރަމަޟާން މަހުވެސް ކަރަންޓާއި ފެން ބިލުން 10% ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މިކަމަށް 160 މިލިޔަނެއްހާ ރުފިޔާ ހޭދަވާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.

