ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 8 ލައްކައެއްހާ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން ރޭ އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން މިއަދު ހާމަކުރި ގޮތުގައި މި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ރޭ ދަންވަރު ތައިލެންޑުން ވައިގެ މަގުން ރާއްޖެ އައި އާންމު މުދާތަކެއް ހުރި ޝިޕްމެންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މި ޝިޕްމެންޓްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވުމާ ގުޅިގެން އިތުރަށް ބަލައި ފާސްކުރުމުން މި ތަކެތި ފެނިފައިވެއެވެ.
ކަސްޓަމްސްއިން ބުނާ ގޮތުގައި އަތުލައިގަނެވުނު މަސްތުވާތަކެތި ހުރީ 20 ޕެކެޓެއްގައި ފޮރުވާފައެވެ. ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން މި ތަކެއްޗަކީ ކެނެބިސް ކަން ކަށަވަރުވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. މި ތަކެތީގެ ބަރުދަނުގައި ޕެކިންއާ އެކު ޖުމްލަ 1،097 ގްރާމް ހުރި ކަމަށާއި، މަގުމަތީ އަގަކީ ގާތްގަނޑަކަށް 877،600 ރުފިޔާ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރުވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައި ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދީފައިވެއެވެ.

