ދިވެހިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ އެތައް ބައެއްގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ ޖާދުވީ އަޑުގެ ވެރި ރާފިޔަތު ރަމީޒާ ބުރުގާ އަޅައިފިއެވެ.
ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ގިނަބައެއްގެ މަގުބޫލުކަން ލިބުނު، އެއަޑުން ލަވަކިޔުން ހުއްޓުުނުތާ އަހަރުތަކެއްވީއިރުވެސް އަދިވެސް ހިތްތަކުން ފިލައިނުދާ އަސަރުގަދަ އަޑުގެ ވެރިޔާ އަލްއަޚް އަލީރަމީޒުގެ ކޮއްކޮ ރާފިޔަތުރަމީޒާއަށް މިއައި ބަދަލާއެކު ގިނަ ބައެއްގެ ތައުރީފާއި މަރުހަބާ ދަނީ ރާފިޔަތަށް އޮހެމުންނެވެ. ސޯޝަލްމީޑިއާގެ އެކިއެކި މަންސަތަކުގައި ރާފިޔަތަށް ސާބަސް ދީފައިވާ މީހުން ގިނައެވެ. އެތައް އަހަރެއް ކުރިން ބޭބެ އަލީރަމީޒާއި އިބްރާހީމް ރަމީޒު ލަވަކިޔުމާ ދުރަށް ގޮސް، ސުންނަތާ އެއްގޮތަށް އަންނައުނާއި ބޭރުފުށުގެ ސިފަވެސް ބަދަލުވެ، މަދަހައިންނާއި ދީނީ އެކިކަހަލަ ޕްރޮގްރާމްތަކާއި ޕޯސްޓުތަކުން ފެންނަމުން ދިޔައިރުވެސް ރާފިޔަތު ލަވަކިޔުމާ އަލްވަދާއު ކިޔާފައެއް ނުވެއެވެ. ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، ރާފިޔަތު ބުރުގާ އެޅުމަށް ބާރުއަޅައި ނަސޭހަތްތެރިވުމަށް އަލީރަމީޒަށް ބުނަމުން ދިޔަ މީހުންވެސް ގިނައެވެ. އަލީރަމީޒުގެ ޖަވާބަކަށްވީ އަބަދުވެސް އެއްވާހަކައެކެވެ. “ރާފިޔަތަކީ ކޮއްކޮ، ގުޅުމެއް ނުކެނޑޭ، މައްސަލައެއްވެސް ނުޖެހޭ. ރާފިޔަތު ބުރުގާ އަޅާދުވަސް އެންމެ ދެކޭހިތްވަނީވެސް، އެންމެ އުފާވާނެ ކަމަކީވެސް އެއީ،”
އެންމެ ފަހުން މިހާރު މިއޮތީ އެ އުފާވެރިކަމުގެ މަންޒަރާއި ހަބަަރު ވެސް މިވަނީ ލިބިފައެވެ.
ރާފިޔަތު ބުރުގާ އަޅާފައިވަނީ މި އަހަރު ޖެނުއަރީ މަސް ތެރޭގައެވެ. ފޭސްބުކްގެ ޕްރޮފައިލް ތަސްވީރު ބުރުގާ އެޅި ތަސްވީރަކަށް ބަދަލުކޮށްފައި ވަނީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އަދި އެތަސްވީރަށް އެތައް ބައެއްގެ ހެޔޮ ދުޢާއާއެކު ތައުރީފާއި ސާބަހުގެ ބަސްތައް ވަނީ ކޮމެންޓުކޮށްފައެވެ.
ރާފިޔަތުގެ މިބަދަލާއެކު ލަވައިގެ ދުނިޔެއިން އޭނާގެ އަޑަށް ހުއްޓުމެއް އަންނާނެ ކަމުގެ އެއްވެސް ވާހަކައެއް އޭނާގެ ފަރާތުން ނުވަތަ އެހެންމީހެއްގެ ފަރާތުންވެސް އަދި އެނގިފައެއް ނެތެވެ. ބުރުގާ އަކީ ރާފިޔަތަށް އައި ހެޔޮ އަދި ނުހަނު ގިނަ ބައެއްގެ ލޯތްބާއި ރުހުން ލިބި، ގަދަރާއި ތައުރީފު ލިބިގެެންދިޔަ ބަދަލެކެވެ. އަދި އެކަމާ ގުޅިގެން ލަވަކިޔާނެތޯ ލަވަ ކިޔުން ހުއްޓާލާނީތޯ މިސުވާލުގެ ޖަވާބު އަދި ލިބިފައި ނެތަސް އެންމެ ރަނގަޅުތާއެވެ.

