މުރަނގަތޮޅިއަކީ ދިވެހިންގެ ކެއުމުގެ ވައްޓަފާޅީގައި ޒަމާނުއްސުރެ ހިމެނެމުން އަންނަ، ހަށިގަނޑަށް ނުހަނު ފައިދާހުރި ތަރުކާރީއެކެވެ. މި ތަރުކާރީގައި އެކުލެވިގެންވާ ފައިދާހުރި މާއްދާތަކުގެ ސަބަބުން، މިއީ ހަށިގަނޑުގެ ދުޅަހެޔޮ ކަމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކާނާއެކެވެ.
ބަލިތަކުން ރައްކާތެރިވުމާއި ޖަރާސީމުތަކުން ދިފާޢުވުން: މުރަނގަތޮޅީގައި ވިޓަމިން ސީ ގިނައިން އެކުލެވިފައިވުމުގެ ސަބަބުން، މިއީ ހަށިގަނޑު ބަލިތަކުން ރައްކާތެރިކޮށްދޭ އެއް މަސްދަރެވެ. ވިޓަމިން ސީގެ އިތުރުން، މީގައި އެކުލެވޭ އެންޓި-ބެކްޓީރިއަލް މާއްދާތަކުގެ ސަބަބުން ޖަރާސީމުތަކުން ދިފާޢުވުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން، ހުމާއި ރޯގާއިން ސަލާމަތްވެ، ލޭ ސާފުކޮށްދިނުމަށްވެސް މުރަނގަތޮޅިން އެހީތެރިކަން ލިބެއެވެ.
ބަރުދަން ލުއިކުރުމާއި ދުޅަހެޔޮކަން: ސިއްޙީ މާހިރުން ފާހަގަކުރައްވާ ގޮތުގައި ކޮންމެ ދުވަހެއްގެ ކެއުމުގައި މުރަނގަތޮޅި ހިމެނުމަކީ ބަރުދަން ލުއިކުރުމަށް ވަރަށް މުހިންމު ކަމެކެވެ. މީގައި އެކުލެވޭ ދުޅަތިރިކޮށްދޭ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ދުޅަތައް ތިރިކޮށްދިނުމަށް އެހީތެރިވެދެއެވެ.
ލޭގެ ދައުރުވުމާއި ހަކުރުގެ މިންވަރު: މުރަނގަތޮޅީގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ލޭ ދައުރުވުން ރަނގަޅުކޮށްދެއެވެ. އަދި ލޭގައި ހަކުރާއި ކޮލެސްޓްރޯލްގެ މިންވަރު އެއްހަމައެއްގައި ބަހައްޓައިދިނުމަށް އެހީތެރިވެދެއެވެ.

މުރަނގަތޮޅީގައި ކެއްކުމަށް ތައްޔާރުވެފައި / ފޮޓޯ:މޯލްޑިވިއަންފުޑް
އުމުރުން ދުވަސްވުމުގެ އަސަރުތަކުން ރައްކާތެރިވުންމުރަނގަތޮޅީގައި އެކުލެވޭ އެންޓި-އޮކްސިޑެންޓްތަކުގެ ސަބަބުން އުމުރުން ދުވަސްވުމުގެ އުނދަގޫތަކާ ދުރުކޮށްދެއެވެ. އަދި ހަމަށް މަޑުކަމާއި އޮމާންކަން ގެނެސްދިނުމަށްވެސް ؛ އެހީތެރިވެދެއެވެ.
މާބަނޑު މައިންނަށް ލިބޭ ފައިދާ: މާބަނޑު މީހުންނަށް މުރަނގަތޮޅިއާއި ފަތް ބޭނުންކުރުމުން އުރަމައްޗަށް ކިރުއެރޭ މިންވަރު އިތުރުވެއެވެ. އަދި ހަށިގަނޑުގައި އެކި ހޯމޯންތަކުގެ މިންވަރު ހަމަހަމަކަންމަތީ ބެހެއްޓުމަށް އެހީތެރިވެދެއެވެ.
އެހެނިހެން މުހިންމު ފައިދާތައް: މުރަނގަތޮޅީގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ގުރުދާއާއި މޭގަނޑަށް ރައްކާތެރިކަން ލިބެއެވެ. އަދި އޮށާޅައިގެ އުނދަގޫތަކުން މިންޖުކޮށްދީ، ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދެއެވެ. މީގެއިތުރުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބި، ޖަރާސީމު މަރައި ނައްތާލުމުގެ ބާރުވެސް ލިބިގެންދެއެވެ.
މުރަނގަތޮޅިއަކީ ޞިއްޙީ ގޮތުން އެތައް ފައިދާއެއް ލިބޭ، ހަށިގަނޑުގެ ދުޅަހެޔޮކަމަށް މުހިންމު ދައުރެއް އަދާކުރާ ތަރުކާރީއެކެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި މުރަނގަތޮޅި ހިމެނުމަކީ ޞިއްޙަތަށް ކުރެވިދާނެ އެންމެ ރަނގަޅު އެއް އިންވެސްޓްމަންޓެވެ.
މިރޭގެ ރޯދަވީއްލާ ސުފުރާއަށް ނޫނީ އެހެން ދުވަހެއްގެ ރެއެއްގެ ސުުފުރާއަށް ވެސް ތައްޔާރުކޮށްލަން ރަނގަޅު މުރަނގަތޮޅީގެ މަސްހުންޏާއި ކިރުގަރުދިޔަ ކައްކާނެ ގޮތް ހިމަނާލާނަމެވެ!

މުރަނގަތޮޅީގެ މަސްހުނި / ފޮޓޯ:މޯލްޑިވިއަން ފުޑް
މުރަނގަތޮޅީގެ މަސްހުނި
ބޭނުންވާ ތަކެތި
- 400 ގްރާމް މުރަނގަތޮޅި (ސްޓީމްކޮށް، ތޮޅީގެ އެތެރޭގައި ބައި ގާނައި ނަގާފައި)
- 1/2 ޖޯޑު ހުނި
- 1/2 ޖޯޑު ދަޅު މަސް
- ފިޔާ ކުދިކޮށް ކޮށާފައި
- 1 ގިތެޔޮ މިރުސް ކުދިކޮށް ކޮށާފައި
- ހިކަނދިފަތްކޮޅެއް ކުދިކޮށް ކޮށާފައި
- 1/2 ސައިސަމުސާ ލުނބޯ ހުތް
- ލޮނު
ތައްޔާރު ކުރާނެ ގޮތް:
ފިޔާ، މިރުސް، ހިކަނދިފަތް އަދި ލުނބޯހުތް އެއްްކޮށް މޮޑެލުމަށް ފަހު ހުންޏާއި މަސް އަޅާފައި ރަނގަޅަށް އެއްްކޮށްލާށެވެ. ރަނގަޅަށް އެއްކުރުމަށް ފަހު ގާނާފައި ހުރި މުރަނގަތޮޅި އަޅާފައި އަނެއްކާ ވެސް ރަނގަޅަށް އެއްކޮށްފައި ލޮނު ހެޔޮވަރުކޮށްލާށެވެ.

މުރަނގަތޮޅީގެ ކިރުގަރުދިޔަ / ފޮޓޯ:ޒެސްޓީއެމްވީ
މުރަނގަތޮޅީގެ ކިރުގަރުދިޔަ
ބޭނުންވާ ތަކެތި:
- 3 މުރަނގަތޮޅި
- 1 ފިޔާ
- 2 ލޮނުމެދު
- ¼ އިންޗި އިނގުރު
- ފެން – 3 ޖޯޑު
- ލޮނު – 1 ސައިސަމުސާ (ރަހަލާވަރަށް)
- ގިތެޔޮ މިރުސް – ¼ (ރަހަލާވަރަށް)
- ހިކަނދިފަތް – 10 ވަރަކަށް ފަތް
- ރާނބާ – 3 އިންޗި
- ވަޅޯމަސް (ކޮށާފައި) – ½ ޖޯޑު
- ހުތް އަނބު (ކުދިކޮށް ތުނިކޮށް ކޮށާފައި) – 1 މޭޒުމަތީ ސަމުސާ
- ބޯކިރު – ¼ ޖޯޑު
- ރީނދޫ – ½ ސައިސަމުސާ
ތައްޔާރުކުރާނެ ގޮތް:
މުރަނގަތޮޅި ދޮވެ ސާފުކުރުމަށްފަހު، ތޮށިމަށައި 3 އިންޗީގެ ދިގުމިނަށް ކޮށާލާށެވެ. ފިޔާ ކޮށާލުމަށްފަހު، އިނގުރާއި ލޮނުމެދު ޗަސްކޮށްލާށެވެ. ތެއްޔަކަށް މުރަނގަތޮޅި، ފެން އަދި ލޮނު އަޅާށެވެ. މެދުމިނުގައި ގިނި ބަހައްޓައިގެން މުރަނގަތޮޅި މަޑުވަންދެން ގާތްގަނޑަކަށް 15 މިނެޓު ވަންދެން ކައްކާށައްކާށެވެ.
މުރަނގަތޮޅި މަޑުވުމުން، ފިޔާ، ލޮނުމެދު، އިނގުރު، ގިތެޔޮމިރުސް، ހިކަނދިފަތް، ރާނބާފަތް، ވަޅޯމަސް، ހުތް އަނބު، ބޯކިރު އަދި ރީނދޫ ތެއްޔަށް އަޅާށެވެ. ހުރިހާ ތަކެތި ރަނގަޅަށް އެއްކޮށްލުމަށްފަހު، ތެލީގެ މަތި ޖަހައި، މަޑު ގިނީގައި ގާތްގަނޑަކަށް 10 މިނެޓު ވަންދެން ކައްކާށެވެ.
ނިންމާލުމުގެ ކުރިން ރަހަ ހެޔޮވަރުތޯ ބަލާލާށެވެ.

