ރަމަޟާން މަހު މާލޭ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓް ބޭނުންކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ގައި ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
އެގޮތުން، މާލެއާއި ހުޅުމާލެ ހިމެނޭހެން ހޮނިހިރު ދުވަހު 103 މެގަވޮޓާ ބޭނުން ކޮށްފައިވާ ކަމަށް ސްޓެލްކޯއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވާއިރު، މިއީ މިހާތަނަށް މި ރޯދަމަހު އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވާ ދުވަސްކަން ފާހަގަ ކުރެވޭ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު، ޖުމްލަކޮށް ދުވާލެއްގެ މައްޗަށް ކަރަންޓު ބޭނުން ކުރަމުންދާ މިންވަރު ރަމަޟާން މަހުގެ ފުރަތަމަ ހަތް ދުވަހާއި އަޅާބަލާއިރު އިތުރުވަމުން ދާކަމަށް ވެސް ސްޓެލްކޯއިން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ފިނިހޫނުމިން މައްޗަށްދާކަން ފާހަގަކުރެވިފައިވާކަން މޫސުމާއި ބެހޭ ގައުމީ އިދާރާއިންވެސް ވަނީ ވިދާާޅުވެފައެވެ. އެހެން ކަމުން، އޭސީފަދަ ތަކެތި ބޭނުން ކުރުމުގައި ކަރަންޓު ހަރަދު ކުޑަވާނެ ގޮތް އިހުތިޔާރުކޮށް، ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއްދެއްވުމަށް ސްޓެލްކޯ އިން އިލްތިމާސް ކުރެއެވެ.

