ޅުމާލޭ ފޭސް 1 ގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ދެ މީހަކު މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ 21:40 ހާއިރުއެވެ. މި މައްސަލައިގައި މާރާމާރީ ހިންގާފައިވަނީ ދިވެހި ފިރިހެނަކާއި ބިދޭސީ ފިރިހެނެއްގެ ދެމެދުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ދައުރުވަމުންދާ ފޮޓޯތަކާއިވީޑިއޯތަކުންވެސް އެކަން ހާމަވެއެވެ.
މިއީ ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. ނަމަވެސް މި އެކްސިޑެންޓާ ގުޅިގެން ދެފަރާތުގެ ދެމެދުގައި ޖެހުނު މައްސަލަ މާރާމާރީއަކަށް ބަދަލުވެގެން ދިޔައީއެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް މިވަގުތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ

