ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހުން ފާސްކުރި ބިލު، ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުއްވުމާ ގުޅިގެން އިތުރަށް އިސްލާހުކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ 11 ވަނަ ދުވަހު ބިލު އަނބުރާ ފޮނުއްވާލެއްވީ ބަންޑާރަ ނައިބުގެ އޮފީހުގެ ލަފާފުޅަށްފަހުގައެވެ. މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީ އިއްވުމަށްފަހު، މައްސަލައިގެ ބަހުސްގެ ތެރެއިން ހުށަހެޅި، ތާއީދު ލިބުނު ގޮތަށް ވަނީ ބިލު ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި މި މައްސަލައިގެ ބަހުސްގައި، ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ ބިލު މަޖިލީހަށް ހުށަހެޅި، ފާސްކުރަން ނިންމި ސަބަބުތަކާމެދު ވާހަކަފުޅު ދައްކަވާފައެވެ. އަދި ބިލު ތަސްދީޤުނުކުރައްވައި އަނބުރާ ފޮނުއްވި ސަބަބު ރައީސުލްޖުމްހޫރިއްޔާގެ ސިޓީން ވަރަށް ސާފުކޮށް އެނގޭކަން އެ މެންބަރުން ފާހަގަކުރެއްވިއެވެ.
އިދިކޮޅު މެންބަރުން ވަނީ އިބްތިދާއީ ބަހުސްގެ މަރުހަލާގައިވެސް ފާހަގަކުރެއްވި ފަދައިން، ބިލާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. މި ބިލު އަލުން ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމަށް ވޯޓުގައި ބައިވެރިވި 50 މެންބަރުން ވޯޓުދެއްވާފައިވާއިރު، 7 މެންބަރުން ވަނީ އެގޮތަށް ނުފެންނަ ކަމަށް ވޯޓުދެއްވާފައެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާފުޅުގައި، ޤާނޫނުއަސާސީއާއި ފަނޑިޔާރުންގެ ޤާނޫނުގައި މިހާރު ހުރި މާއްދާތަކަށް ރިޢާޔަތްކޮށްފައިވާ ކަމަށް ވެއެވެ.

