މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުގައި ހުންނެވި އަަޙްމަދު އިމާދު، އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
އޭނާ އިސްތިއުފާ ދީފައިމިވަނީ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުން އޭނާ ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމާ ގުޅޭ މައްސަލަ، އެމައްސަލައާއި ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމަށް މިއަދުގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.
އެގޮތުން، މެމްބަރު ޢަބްދުއްލަޠީފް ހުށަހެޅުއްވި މި މައްސަލަ ބަލައިގަނެ، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމެޓީން ފާސްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ރާއްޖެއަށް ކުރިމަތިވި އިޤްތިޞާދީ ކާރިސާއިން ޤައުމު ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން އެކަށީގެންވާ މަސައްކަތްތަކެއްކޮށްފައިނުވާކަމަށް ބުނެ، މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި މައްސަލައާ ގުޅިގެން، އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ކުރިން ހުންނެވި ޢަލީ ހާޝިމު ވަނީ މިދިޔަ އަހަރު ޖުލައި މަހު މަޤާމުން ވަކިކުރައްވާފައެވެ.
ޑެޕިއުޓީ ޤަވަރުނަރު ކަމުގެ މަޤާމަށް އަޙްމަދު އިމާދު އައްޔަންކޮށްފައިވަނީ 2020 ވަނަ އަހަރުގައެވެ.

