ކުޑަކުދިންނާ ގުޅުންހުރި ކޮންޓެންޓްތައް ބްރޯޑްކާސްޓްކުރުމުގައި ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
ބްރޯޑްކޮމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ހުރިހާ ބްރޯޑްކާސްޓަރުންވެސް ފޮނުވާ ކޮންޓެންޓްތަކަކީ ރާއްޖޭގެ ޤާނޫނުތަކާއި، އާންމު އިޖުތިމާޢީ މިންގަނޑުތަކާއި، އަދި ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑުތަކަށް ފެތޭ ކޮންޓެންޓްތަކެއް ކަމުގައި ހެދުމަށް އިލްތިމާސްކުރާ ކަމަށެވެ.
“ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް” ގައި ކަނޑައަޅާފައިވާ ހަމަތަކާއި ގައިޑްލައިންތަކަށް ޢަމަލުކުރުމަށްވެސް ބްރޯޑްކޮމްއިން ވަނީ އެދިފައެވެ. ވަކިން ޚާއްޞަކޮށް، ކުޑަކުދިންނާ ގުޅުންހުރި ކޮންޓެންޓް ގެނެސްދިނުމުގައި “ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ޙިމާޔަތްކުރުމުގައި ޢަމަލުކުރަންވީ ގައިޑްލައިން” އަށް ޢަމަލުކުރުމަށް ބްރޯޑްކޮމްއިން ވަނީ އިރުޝާދު ދީފައެވެ.
މި ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ކުޑަކުދިންގެ ކަރާމާތާއި އަބުރު ނުގެއްލޭ ގޮތަށް ކޮންޓެންޓް ފޮނުވުމަށް ބްރޯޑްކާސްޓަރުން ސަމާލުކަން ދިނުމަށް ހަނދާންކޮށްދީފައިވާ ކަމަށެވެ. އަދި ކުޑަކުދިންނަކީ ޤާނޫނުއަސާސީން އެންމެ މަތީ ދަރަޖައިގެ ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާ ބަޔަކަށްވާތީ، މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އެދިފައެވެ.
ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކުޑަކުއްޖަކާ ގުޅުވައިގެން އެކި ގޮތްގޮތަށް ޚަބަރު ފަތުރާ ވަސީލަތްތަކުން މަޢުލޫމާތު ގެނެސްދީފައިވާކަން ފާހަގަކޮށް، ބްރޯޑްކޮމްއިން ވަނީ ކުޑަކުދިންނާ ގުޅޭ ޚަބަރު ގެނެސްދިނުމުގައި ކުދިންގެ ފޮޓޯއާއި ނަމާއި އަދި ކުއްޖާގެ ޝަޚްޞު އެނގޭނެ މަޢުލޫމާތު ހާމަކުރުމަކީ ކުޑަކުދިންގެ ޤާނޫނުން މަނާކުރާ ކަމެއްކަން ބްރޯޑްކޮމްއިން ހަނދާންކޮށްދީފައެވެ.

