ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް، މިދުވަސްކޮޅު ވަރަށް ހޫނު ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އިން މިއަދު ވަނީ އިންޒާރު ދީފައެވެ. މެޓުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މާލެ އާއި އުތުރުގެ ރަށްތަކުގައި ހޫނުމިން ވަނީ 32.7 ޑިގްރީއަށް އަރާފައެވެ. އަދި އިހުސާސްކުރެވޭ ހޫނުމިން ވަނީ 37 ޑިގްރީއަށް މަތިވެފައެވެ.
މެޓުން އާންމުކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކަށް ބަލާއިރު، ރާއްޖޭގެ މަތިން އުޑުމަތި އޮތީ ވަރަށް ސާފުކޮށެވެ. ހާވިލާކޮޅެއް ނުވަތަ ހާފުސްކަމެއް ވެސް ފެންނާކަށް ނެތެވެ. މެޓުން ފާހަގަކުރި ގޮތުގައި މާޗު މަހުގެ މެދުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ވައި މަޑުވުމާއި، އިރު ސީދާ ރާއްޖެއާ ދިމާ މަތީގައި ހުރުމުގެ ސަބަބުން، އަދި ވިލާތައް މަދުވުމުގެ ސަބަބުން ހީޓް އިންޑެކްސް ވަނީ މަތިވެފައެވެ.
ހީޓް އިންޑެކްސްގެ ނުރައްކާ
ހީޓް އިންޑެކްސްއަކީ ވައިގެ ތެތްކަމާއި، ހޫނުމިނާއި، ވައިޖެހޭ ބާރުމިނަށް ބަލައި ހިސާބުކުރެވޭ މިންގަނޑެކެވެ. މެޓުން ހާމަކުރި ގޮތުގައި، ވައިގެ ތެތްކަން މަތިވުމުގެ ސަބަބުން، އިންސާނާގެ ހަށިގަނޑު ފިނިވުމަށްޓަކައި ބޭނުންވާ ދާހިއްލުމަށް ދަތިވެ، ވައިގެ އަސްލު ހޫނުމިނަށްވުރެ ވެސް އިތުރަށް ހޫނުކަން އިހުސާސްވެއެވެ. އެންމެ ހޫނުގަދަވަނީ މެންދުރުފަހު 1-2 އާ ދެމެދުގެ ވަގުތުތަކުގައެވެ.
ދިގު މުއްދަތަކަށް ހީޓް އިންޑެކްސް މަތިވުމުން "ހީޓް ސްޓްރެސް" ކުރިމަތިވެ، ސިއްހަތަށް ނޭދެވޭ އަސަރުކުރާ ކަމަށް ސިއްހީ މާހިރުން ވަނީ އިންޒާރު ދީފައެވެ. މީގެ ތެރޭގައި ބޮލުގައި ރިއްސުމާއި، ބޯ އެނބުރުމާއި، ހަށިގަނޑުން ފެން މަދުވުންފަދަ ސިއްހީ މައްސަލަތައް ހިމެނެއެވެ. "ހޫނުގަދަ ވަގުތުތަކުގައި ބޭރުގައި ނޫޅުމަށާއި ރޯދަ ވީއްލުމަށްފަހު ގިނައިން ދިޔާ ތަކެތި ބުއިމަށް" ސިއްހީ މާހިރުން އިރުޝާދު ދެއެވެ. މެޓުން ބުނާ ގޮތުގައި ދެތިން ދުވަސް ފަހުން އުތުރާއި މެދު ރާއްޖެތެރެއަށް ކެރިކޮޅެއް އައުން އެކަށީގެންވެއެވެ.

