ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ތިން ބިދޭސީ އަންހެނަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 3 ބިދޭސީންގެ ތެރެއިން ދެ މީހަކު ވަނީ މިހާރު ޑިޕޯޓްކޮށްލެވިފައެވެ.
އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަނުގައި އަތުލައިގަތް މީހުންނަކީ ވިއެޓްނާމަށް ނިސްބަތްވާ ދެ އަންހެނުންނާއި ލާއޯސްއަށް ނިސްބަތްވާ އެކަކު ކަމަށެވެ. މި ތިން މީހުންނަކީވެސް ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ވިސާގައި ތިބި ބައެކެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި މައްސަލައިގައި އަތުލައިގަތް ތިން މީހުންގެ ތެރެއިން ދެ މީހަކު މިހާރު ވަނީ އެމީހުންގެ އަމިއްލަ ގައުމަށް ފޮނުވާލާފައެވެ. އަދި އެންމެ ފަހު މީހާ ޑިޕޯޓްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
މިއީ ފަހަކަށް އައިސް ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރިއާ ގުޅިގެން ހިންގުނު ދެވަނަ ބޮޑު އޮޕަރޭޝަނެވެ. މީގެ ކުރިން، މިދިޔަ ޖެނުއަރީ 28 ވަނަ ދުވަހު ވެސް އިމިގްރޭޝަނުން ވަނީ ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ވިއެޓްނާމްގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފައެވެ.

