- ސުވާލު
ނިޔަފަތިތައް ދިގު ކުރުމުގެ ހުކުމަކީ ކޮބައިހެއްޔެވެ؟ ނިޔަފަތި ދިގު ކުރުން ހުއްދަ ވެގެން ވޭތޯއެވެ؟
- ޖަވާބު
އަތްތަކާއި ފައިތަކުގެ ނިޔަފަތިތައް ދިގުކުރުމަކީ ޒީނަތްތެރިވުމުގެ ނަމުގެ ތެރޭގައި މުޖުތަމަޢުތަކުގައި ފެތުރިފައިވާ ނުބައި އާދައެކެވެ. މިކަމަކީ ކާފަރު މުޖުތަމަޢުތަކުން ފެތުރިގެން އައިސްފައިވާކަމެކެވެ. އަދި މިހާރުވަނީ މިކަން އިސްލާމީ މުޖުތަމަޢުތަކުގެ ތެރެއަށްވަދެ، މުސްލިމުންގެ ގިނަ މީހުންނަށް އެބައިމީހުންގެ ދީނުގައި މިކަމާމެދު އައިސްފައިވާ ޙުކުމް ނޭނގިއެވެ. ނުވަތަ އަނެއްބަޔަކު އެނގެންބޭނުން ނުވަނީއެވެ. ދީނުގެ އެހެންކަންކަމަށް ފަރުވާކުޑަކުރާ އުޞޫލުން، ޒީނަތްތެރިވުމުގައިވެސް ފަރުވާކުޑަކުރަނީއެވެ. އެހެންކަންކަމުގައި ޙަރާމެއް ޙަލާލެއް ނުބަލާ އުޞޫލުން، ޒީނަތްތެރިވުމުގައިވެސް ޙަރާމެއް ޙަލާލެއް ބަލާނުލަނީއެވެ.
ނިޔަފަތި ދިގުކުރުމަކީ ދެޖިންސުގެ ދެމެދުގައިވެސް ހިނގަމުންދާ، މީސްތަކުންނަށް ހިދާޔަތެއްކަމުގައި ﷲ ގެ ޙަޟްރަތުން ބާވާލެއްވި އިސްލާމްދީނުގެ އުޞޫލުތަކާ އަދި އިންސާނީވަންތަކަމާ ފުށުއަރާކަމެކެވެ. މާބޮޑު ޢިލްމުތަކެއް ނުލިބުނުނަމަވެސް، ސަލާމަތުންވާ ޢަދުލުވެރި ހަމަ ބުއްދިއަކުން ވިސްނާލައިފިނަމަ މިކަން އެނގިގެންދާނެކަމެކެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((وُقِّتَ لَنَا فِى قَصِّ الشَّارِبِ وَتَقْلِيمِ الأَظْفَارِ وَنَتْفِ الإِبْطِ وَحَلْقِ الْعَانَةِ أَنْ لاَ نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ لَيْلَةً.)) މާނައީ: "މަތިމަސް ކޮށުމަށާއި، ނިޔަފަތިތައް ކެނޑުމަށާއި، ކިހިލިފަތްދަށުގެ އިސްތަށިތައް އުފުރުމާއި، އައުރަ ގުނަން ވަށައިގެންވާ އިސްތަށިތައް ބޭލުމަށް ތިމަންމެނަށް ވަޤުތު ކަނޑައެޅުނެއެވެ. (އެއީ) އެއިންކަމެއް ސާޅީސް ރެއަށްވުރެ ފަސްނުކުޅައުމެވެ."
އަލްއިމާމް އަންނަވަވީ ރަޙިމަހުﷲ "އަލްމަޖްމޫޢު" ގައި ވިދާޅުވެފައިވެއެވެ. "ނިޔަފަތި ކެނޑުމުގެ މުއްދަތު ދަންނައެވެ. އެކަން ބިނާވެގެންވަނީ ނިޔަފަތި ދިގުވުމާއެވެ. ދިގުވެއްޖެނަމަ ކަނޑަންޖެހޭނެއެވެ. އަދި މި މުއްދަތަކީ ވަކިވަކިމީހުންނާއި ވަކިވަކި ޙާލަތްތަކުގައި ތަފާތުވާނެކަމެކެވެ. އަދި މަތިމަސްކުރުކުރުމާއި، ކިހިލިފަތްދަށުގެ އިސްތަށިތައް އުފުރުމާއި، އައުރަ ގުނަން ވަށައިގެންވާ އިސްތަށިތައް ބޭލުންވެސް މިފަދައެވެ." އަދިވެސް ވިދާޅުވެފައިވެއެވެ. "މި ޙަދީޘްގެ މާނައަކީ އެބޭކަލުން މި ކަންކަން ކުރެއްވުން އެކަމުގެ ވަޤުތުތަކަށްވުރެ ފަސްނުކުރާކަމެވެ. އަދި ފަސްކުރާނަމަވެސް ސާޅީސްދުވަހަށްވުރެ ފަސްނުކުރާކަމެވެ."
"އަލްލަޖުނަތުއް ދާއިމާ ލިލްބުޙޫޘި އަލްޢިލްމިއްޔާ ވަލް އިފްތާ" ގެ ޢިލްމުވެރިންނާ ސުވާލުކުރެވިފައިވެއެވެ. ނިޔަފަތިތައް ދިގުކުރުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟ ޖަވާބުގައި އެ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
"ނިޔަފަތިތައް ދިގުކުރުން ހުއްދަވަގެންނުވެއެވެ. އެހެނީ، މިކަމަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ބާރުއަޅުއްވާފައިވާ ފިޠުރަތުގެ ސުންނަތްތަކާ ޚިލާފުކަމެކެވެ. އެ ސުންނަތްތަކުގެ ތެރޭގައި ނިޔަފަތި ކެނޑުންވެއެވެ. ވާޖިބުވެގެންވަނީ ނިޔަފަތިތައް ކެނޑުމާއި، ކިހިލިފަތްދަށުގެ އިސްތަށިތައް އުފުރުމާއި، އައުރަ ގުނަން ވަށައިގެންވާ އިސްތަށިތައް ބޭލުމާއި، މަތިމަސް ކޮށުން ސާޅީސް ރެއަށްވުރެ ފަސްނުކުޅައުމެވެ. އެއީ އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި އަނަސް ރަޟިޔަﷲ ޢަންހުގެ ކިބައިން ގެންނަވާފައިވާ ޙަދީޘްގައިވާ ފަދައިންނެވެ.
އަނަސްގެފާނު ވިދާޅުވިއެވެ. "މަތިމަސް ކޮށުމަށާއި، ނިޔަފަތިތައް ކެނޑުމަށާއި، ކިހިލިފަތްދަށުގެ އިސްތަށިތައް އުފުރުމާއި، އައުރަ ގުނަން ވަށައިގެންވާ އިސްތަށިތައް ބޭލުމަށް ތިމަންމެނަށް ވަޤުތު ކަނޑައެޅުނެއެވެ. (އެއީ) އެއިންކަމެއް ސާޅީސް ރެއަށްވުރެ ފަސްނުކުޅައުމެވެ."’
ފަހެ، ނިޔަފަތި ދިގުކުރާ އަންހެނުންގެ މައްޗަށް ވަނީ ﷲއަށް ތައުބާވެ، އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަމުރުފުޅާ ޚިލާފުވާ މި ނުބައި އާދަ ދޫކޮށްލުމެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެމާނައިގައި ވަނީ: "އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ!"
އަދިވެސް ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައީ: "ފަހެ، އެކަލޭގެފާނުގެ އަމުރުފުޅާ ޚިލާފުވާމީހުންނަށް ބަލާއެއް ނުވަތަ ވޭންދެނިވި ޢަޛާބެއް ޖެހިދާނެކަމަށް، އެއުރެން ބިރުވެތިވާހުށިކަމެވެ!" .( فتاوى اللجنة الدائمة: رقم ( 19771 (1)
އަދި ނިޔަފަތިތައް ދިގުކުރުމާބެހޭގޮތުން އައްޝެއިޚް ޢަބްދުލް ޢަޒީޒު ބުން ޢަބްދިﷲ ބުން ބާޒު ރަޙިމަހުﷲ އާ ސުވާލުކުރެއްވުމުން ވިދާޅުވެފައިވެއެވެ. "ނިޔަފަތިތައް ދިގުކުރުމަކީ ސުންނަތާ ޚިލާފުކަމެކެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ޘާބިތުވެގެން އައިސްފައިވެއެވެ. ފިޠުރީ (ސުންނަތްތައް) ފަހެކެވެ. އެއީ ޚިތާނުކުރުމާއި، ޢައުރަ ގުނަން ވަށައިގެންވާ އިސްތަށިތައް ބޭލުމާއި، ނިޔަފަތިތައް ކެނޑުމާއި، ކިހިލިފަތްދަށުގެ އިސްތަށިތައް އުފުރުމާއި، މަތިމަސް ކޮށުމެވެ. އަދި އެއިންކަމެއް ސާޅީސް ރެއަށްވުރެ ފަސްނުކުޅައުމެވެ. އަދި ނިޔަފަތިތައް ދިގުކުރުމަކީ ޖަނަވާރުންނާއި، އަދި ބައެއް ކާފަރުންނާ ވައްތަރުވެވޭކަމެކެވެ."
އަދި ނިޔަފަތިތައް ދިގުކުރުމާބެހޭގޮތުން އައްޝެއިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން ރަޙިމަހުﷲ އާ ސުވާލުކުރެއްވުމުން ވިދާޅުވެފައިވެއެވެ. "ނިޔަފަތިތައް ދިގުކުރުމަކީ ޙަރާމްކަމަކަށް ނުވާނަމަ މަކްރޫހަކަމެކެވެ. އެހެނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ސާޅީސްދުވަހަށްވުރެ ނިޔަފަތިކެނޑުން ފަސްނުކުރުމަށް ވަޤުތު ކަނޑައަޅުއްވާފައެވެ. އަޖައިބުކަމަކީ؛ ޙަޟާރަތާއި ތަހުޒީބުކަމަށް ދަޢުވާކުރާ މީހުން މި ނިޔަފަތިތައް ބަހައްޓާކަމެވެ. އެހެނީ އެފަދަ ދިގު ނިޔަފަތިތަކަކީ ހަޑި މުޑުދާރުތަކެތި ހަރުލާނެކަމެކެވެ. އަދި އެފަދައިން ނިޔަފަތި ދިގުކުރުމުން އިންސާނާ ޙަޔަވާނުންނާ ވައްތަރުވެގެންދެއެވެ.
މި ސަބަބާހުރެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. މާނައީ: "ދަތާއި ނިޔަފައްޗަށް ނުވާ އެއްޗަކުން ކަތިލާއިރު ﷲގެ އިސްމުފުޅުގަނެގެން ކަތިލުމަށްފަހު ކާށެވެ. ދަތަކީ ގުނަނެކެވެ. އަދި ނިޔަފައްޗަކީ (އެބަޔަކާ ވައްތަރުވުން ނަހީކުރެވިފައިވާ) ކާފަރުންގެ އެއްޗެކެވެ." އެބަހީ؛ ޖަނަވާރުކަތިލުމަށާއި، މަސް ކެނޑުންފަދަ ކަންކަމަށް ވަޅިއެއްގެ ގޮތުގައި އެބައިމީހުން ނިޔަފަތިތައް ބޭނުންކޮށްއުޅެއެވެ."
ބައެއް ޙާލަތްތަކުގައި ނިޔަފަތިތައް ދިގުވުމުގެ ސަބަބުން، ނަޖިސް ނިޔަފަތީގެ ދޭތެރެއަށް ވަދެ އެމީހާގެ ވުޟޫ ޞައްޙަވުމަށްވެސް ހުރަސްއަޅާފާނެއެވެ. ނުވަތަ ނަމާދުކުރާއިރު އެފަދަ ނަޖިހެއް ނިޔަފަތިތަކުގެ ދޭތެރެއަށް ވަނުމުގެ ސަބަބުން ނަމާދު ޞައްޙަވުމަށްވެސް ހުރަސްއަޅާފާނެއެވެ.
އެހެންކަމުން، އަޅުގަނޑުމެން ޒީނަތްތެރިވާއިރުވެސް މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އުޞޫލުތަކުގެ ތެރެއިން ޒީނަތްތެރިވުމަށް ސަމާލުކަންދިނުމަކީ ދުނިޔެއާއި އާޚިރަތުގައިވެސް އެމީހަކަށް އުފާވެރިކަން ލިބިގެންދާނޭކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެނަށް ހެޔޮވިސްނުން ދެއްވާށި! އާމީން.

