މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ޒަކާތު ހައުސްއަށް ފިތުރު ޒަކާތުގެ ގޮތުގައި 2.9 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އޮންލައިންކޮށް އަދި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 2،913،839.61 ރުފިޔާ ވަނީ ބަލައިގެންފައެވެ. މިއީ ފާއިތުވެދިޔަ ފަސް އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އަދި ރައްޔިތުންނަށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ގޮތްތައް ހަމަޖައްސާފައިވާކަމަށް ވިދާޅުވިއެވެ. މީގެ ތެރޭގައި އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް އޮންލައިންކޮށް އަދި ޒަކާތު ހައުސްގެ ކައުންޓަރަށް ޒިޔާރަތްކޮށްގެން ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމުތައް ހިމެނެއެވެ.
ފާއިތުވި އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު 977,301 ރުފިޔާ ލިބިފައިވާއިރު، 1443 ވަނަ އަހަރު 1.09 މިލިޔަން ރުފިޔާ، 1444 ވަނަ އަހަރު 1.39 މިލިޔަން ރުފިޔާ އަދި 1445 ވަނަ އަހަރު 1.6 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
ޒަކާތު ހައުސްއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް 5 އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ފިތުރު ޒަކާތް ބަލައިގަންނަމުން ދާނެއެވެ.

