ކަކުނިމަހަކީ ފައިދާތައް ގިނަ ސިއްހީ އެތައް މައްސަލަތަކަށް ހައްލު ހޯދައިދޭ އެހާމެ މީރުވެސް މަހެކެވެ. ގިނަ މީހުންނަށް އޭގެ ފައިދާއަދި އެއީ ކަކުނިމަސްކަން ނަމުން ނާންގައި ކާންދީފިނަމަ އެއީ އެންމެ މީރު މަހޭވެސް ބުނެއެވެ. އަޅުގަނޑަށްވެސް ވީ މިދެންނެވި ގޮތެވެ. ކަކުންޏޭ ބުނީމަ ނުބައިވާނެއޭ ނުކާނަމޭ އައްޗި ވެފައި ހުއްޓާ ވަކި އެއްޗެއް ނޭނގި ކާންދިން މަހެއް މާ މީރުވެއްޖެއެވެ. އަދި އޭގެ ފައިދާ އެނގުމުން މާކަމުދާ މަހަކަށް ވީއެވެ.
ކަކުނިކަން އެނގުނީ "އެއްކަލަ މީރު މަހުގެ" ކެއުން ކާންދޭތާ އަހަރުވެސް ވީ ފަހުންނެވެ. އޭރު މަހަކު ދެފަހަރު ކަހަލަ ގޮތަކަށް ބަައެއްފަހަރު ހުކުރުވިލޭރޭގެ ކެއުމުގައިވެސް އެއްކަލަ މީރުމަސް ކާން ލިބެއެވެ. ފިރިމީހާ އަކީ މީރުކޮށް ކައްކާ މީހެއްވީމަ އެކަން އޮތީ ސިއްރުކޮށްފައެެވެ. ބަލިވެ އިންއިރުވެސް ކަކުނިމަސް ކެއީމެވެ. ދަރިފުޅުގެ ސިކުނޑި ވަރަށްވެސް ތަނަވަހެވެ. ސިއްހަތު ރަނގަޅެވެ. ކަކުނިމަހުގެ ޖާދޫ ހަމަ ބޮޑު އިނގޭތޯ! މިއަދުގެ ފަތިސްތަރީގައި މިގެނެސްދެނީ ކަކުނިމަހުގެ ބައެއް ފައިދާތަކެވެ.
ކަކުނިމަހުގައި އެކުލެވޭ މުހިންމު ބާވަތްތައް
ކަކުނި މަހުގައި ޕްރޮޓީން ހިމެނޭއިރު، ސެޗުރޭޓެޑް ފެޓް ނުހިމެނެއެވެ. މީގެ އިތުރުން ސެލީނިއަމް އަދި ވިޓަމިން ބީ12 އާއި ފޮލޭޓް ފަދަ މުހިންމު މަޢުދަނީ ބާވަތްތައް ހިމެނެއެވެ.
ކަކުނީގެ މަހުގައި ފޮސްފަރަސް ވަރަށް ގިނައިން އެކުލެވެއެވެ. ފޮސްފަރަސްއަކީ ހަށިގަނޑުގައި ކެލްސިއަމްގެ ފަހުން އެންމެ ގިނައިން ހުންނަ މަޢުދަނެވެ. އަދި ދަތާއި ކަށިތައް ހަރުދަނާ ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މާއްދާއެކެވެ.
- ކަކުނިމަހުގައި ވިޓަމިންތަކާއި، ޕްރޮޓީން، އެމިނޯ އެސިޑް އަދި މައުދަނީ ބާވަތްތައް ގިނައިން އެކުލެވޭ
- ކެލްސިއަމް، ކޮޕަރ، ޒިންކް، ފޮސްފަރަސް، އަދި ދަގަނޑު ހިމެނޭ
- ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވާ އެންޓިއޮކްސިޑެންޓްތައްވެސް ހިމެނޭ
- ވިޓަމިން އޭ، ސީ، ބީ12 އަދި އެހެނިހެން މިނަރަލްސްތައްވެސް މި މަހުގައި އެކުލެވިގެންވެވޭ

ކަކުނިމަހަކީ ފައިދާތައް ގިނަ ސިއްހީ އެތައް މައްސަލަތަކަށް ހައްލު ހޯދައިދޭ އެހާމެ މީރުވެސް މަހެކެވެ./ފޮޓޯ:ފާމްޓުފޯކް
ހިތުގެ ޞިއްޙަތަށް ކުރާ ފައިދާ: ކަކުނިމަހުގައި އޮމެގާ 3 ފެޓީ އެސިޑް ގިނައިން އެކުލެވިފައިވާތީ، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ވަރަށް ބޮޑަށް އެހީތެރިވެއެވެ. މީގެ އިތުރުން ލޭގައި ހުންނަ ނުބައި ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް، ހިތުގެ ޞިއްޙަތު ރަނގަޅު ކުރުމަށް މަގުފަހިކޮށްދެއެވެ.
ސިކުނޑީގެ މަސައްކަތަށް ކުރާ ފައިދާ: ކަކުނިމަހުގައި އެކުލެވޭ އޮމެގާ 3 ފެޓީ އެސިޑްގެ ސަބަބުން ސިކުނޑީގެ މަސައްކަތް ރަނގަޅުކޮށްދެއެވެ. އަދި ހަނދާން ބެހެއްޓުމުގެ ބާރު އިތުރުކޮށްދީ، ސިކުނޑީގެ ދުޅަހެޔޮކަން ރަނގަޅުކުރުމަށް އެހީތެރިވެދެއެވެ.
ހަކުރުބަލިން ރައްކާތެރިވުމަށް: ކަކުނިމަހުގައި ހަކުރު ބަލިން ރައްކާތެރިވުމަށް އެހީތެރިވާ ކްރޯމިއަމް އެކުލެވިގެންވެއެވެ. މިއީ ހަކުރު ބަލީގެ ފަރުވާގައި ބޭނުންކުރެވޭ މުހިންމު މައުދަނެކެވެ.
ކަކުނިމަސް ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް: ކަކުނިމަސް ބޭނުންކުރުމުގައި އަންނަނިވި ކަންތައްތަކަށް ސަމާލުވާން ޖެހެއެވެ:

ކަކުނިމަހަކީ ފައިދާތައް ގިނަ ސިއްހީ އެތައް މައްސަލަތަކަށް ހައްލު ހޯދައިދޭ އެހާމެ މީރުވެސް މަހެކެވެ./ފޮޓޯ:ޖެޓިފިޝްސީފުޑް
- ތާޒާކަމާއެކު ބޭނުންކުރުން
- ރަނގަޅަށް ގަނޑުކުރުން
- ރަނގަޅަށް ރޯފިލުވުން
- އެލަރޖީގެ މައްސަލަ ހުންނަ ފަރާތްތަކުން ސަމާލުވުން
ކަކުނިމަހަކީ ޞިއްޙީގޮތުން ވަރަށް ފައިދާހުރި، އެމިނޯ އެސިޑާއި އޮމެގާ 3 ފެޓީ އެސިޑުން މުއްސަނދި ކާނާއެކެވެ. މިމަސް އެކަށީގެންވާ މިންވަރަށް ކެއުމުން ހިތުގެ ބަލިތަކުންނާއި، ހަކުރު ބަލިން ރައްކާތެރިވެ، ސިކުނޑީގެ މަސައްކަތްވެސް ރަނގަޅުވެގެންދާނެއެވެ. ނަމަވެސް މިމަސް ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތަކަށް ސަމާލުވުމަކީ މުހިންމުކަމެކެވެ.
ކަކުނިމަހަކީ އެއްގަމާއި މޫދުގައި އުޅޭ، ދިހަ ފައި ހުންނަ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާންމުކޮށް ފެންނަ މޫދުކާނާގެ ބާވަތެކެވެ. ރާއްޖޭގައިވެސް ރާއްޖޭގެ ޗަކަކުޅިތަކާއި ކަޅުފަހާއި ޗަކަބިންތަކުގައި 3 ވައްތަރެއްގެ ކަކުނި އުޅެއެވެ. ރާއްޖޭގެ ގޮނޑުދޮށުގައި ދެ ވައްތަރެއްގެ ކަކުނި އުޅެއެވެ. މޫދުގައިވެސް ގިނަ ވައްތަރުތަކެއްގެ ކަކުނި އުޅެއެވެ.
(ނޯޓު: މައުލޫމާތު؛ލިޝިއަސް، ހެޔޮބަސްކަކުނިމަހުގެފައިދާ ރަސްޓީޕެލިކަންމިއާމީ)

