ރާއްޖޭގައި ގިނަވަމުންދާ ސްކޭމްގެ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި ޚާއްސަ ސެންޓަރެއް ޤާއިމުކޮށްފިއެވެ. އަދި މި ސެންޓަރުގެ ޚާއްސަ ނަމްބަރެއްގެ ގޮތުގައި 125 ހަމަޖައްސައިފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމްގެ މައްސަލަތަކާ ގުޅޭ ފިޔަވަޅުތައް އެޅުމާއި، އެހެނިހެން އިދާރާތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ދެން ބަލަހައްޓާނީ އެންޓި-ސްކޭމް ސެންޓަރުންނެވެ. މި އައު ނިޒާމުގެ ދަށުން، ސްކޭމްގެ މައްސަލަތައް ރިޕޯޓުކުރުމަށް ހާއްސަ ކޯލް ސެންޓަރެއް ގާއިމްކޮށްފައިވެއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓުކުރެވޭ ވަގުތުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެ އިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ވަގުތުން ކުރިއަށް ގެންދާނީ އެންޓި-ސްކޭމް ސެންޓަރުންނެވެ. އަދި ސްކޭމާ ގުޅުންހުރި މައްސަލަތައް reportscam@police.gov.mv އީމެއިލް މެދުވެރިކޮށްވެސް ރިޕޯޓުކުރެވޭނެއެވެ.
މީގެއިތުރުން މިހާރެކޭވެސް އެއްގޮތަށް މާލެ އާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި ފާއިތުވި ދުވަސްތަކުގައި ސްކޭމްގެ މައްސަލަތައް ހައްލުކުރުމަށް ފުލުހުންނާއި މާލީ އިދާރާތަކުން ކުރަމުންދިޔަ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފައިވެއެވެ.
ފުލުހުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށްޓަކައި، އެފަދަ މައްސަލަތައް ވީ އެންމެ އަވަހަކަށް އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓް ކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

