މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން ފަރުމަސް އާލާކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް ޚާއްޞަ ކޯހެއް ހިންގުމަށް ނިންމައިފިއެވެ.
ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައިވާއިރު، “މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް” ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ މި ކޯހަކީ ފަރުމަސް އާލާކުރުމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަގްސަދުގައި ހިންގޭ ދެވަނަ ކޯހެވެ. މި ކޯހުގައި އަސާސީ މެރިކަލްޗަރ ހުނަރުތައް ދަސްކޮށްދޭނެކަމަށް އެމްއެމްއާރްއައި އިން މަޢުލޫމާތު ދީފައިވެއެވެ.
ކ. މަނިޔަފުށީގައި ކުރިއަށްދާ މި ކޯސް ފެށޭނީ މި އަހަރުގެ އޭޕްރިލް 26 ވަނަ ދުވަހުއެވެ. އަދި ކޯހުގެ މުއްދަތަކީ 14 ދުވަހެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ 15 ފަރާތަކަށެވެ.
ކޯހުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން އޭޕްރިލް 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެމްއެމްއާރްއައި އަށް އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހެއެވެ. 15 ފަރާތަށްވުރެ ގިނައިން ފޯމު ހުށަހަޅައިފިނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހެޅި ތަރުތީބުންނެވެ.
ކޯހުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން އޭޕްރިލް 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެމް.އެމް.އާރް.އައި އަށް އެޕްލިކޭޝަން ފޯމު ހުށަހަޅަންވާނެއެވެ. އެ ވުޒާރާގެ އިޢުލާނާ އެކު އެއްކަރުދާސްކޮށްފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، އައިޑީކާޑުގެ ކޮޕީއާ އެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ނުވަތަ ފޯމު އީމެއިލް info@mmri.gov.mv އަށެވެ.
ކޯހުގެ މުއްދަތުގައި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމުތަކާއި، މާލެއާއި މަނިޔަފުށި ދެމެދު ކުރަންޖެހޭ ދަތުރުތައް ހަމަޖައްސައިދޭނީ އެމްއެމްއާރްއައި އިންނެވެ. އަދި ތަމްރީނާ ގުޅޭ އިތުރު މަޢުލޫމާތު 3322242 ނުވަތަ 3028730 ފޯނަށް ގުޅައިގެން ލިބޭނެކަމަށް އެ އިންސްޓިޓިއުޓުން މަޢުލޫމާތު ދީފައިވެއެވެ.

