ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ހުށަހަޅުއްވާ ސުވާލުތަކަށް، ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވުމަށް “ރައްޔިތުންގެ އަޑު” ނަމުގައި ޚާއްސަ ޕޯޓަލްއެއް ރައީސް އޮފީހުން މިއަދު ތަޢާރަފްކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު ހާމަުރި އެކްސްޕޯސްޓެއްގައި، މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ހުށަހަޅުއްވާ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވަމުން ގެންދަވާނީ “ރައީސްގެ ޖަވާބު” ސިލްސިލާގެ ތެރެއިން ކަމަށް ވަނީ ބުނެފައެެވެ. މި ޕޯޓަލަށް ވަދެވޭނީ citizensvoice.gov.mv މެދުވެރިކޮށް ނުވަތަ ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށްކަން ފާހަގަކޮށްފައިވެއެވެ.
“ރައީސްގެ ޖަވާބު” އަކީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށްޓެވި ސިލްސިލާއެކެވެ. މި ސިލްސިލާގައި ކުރިން ސުވާލުކުރެވެމުން ދިޔައީ ރައީސް އޮފީހުގެ މީޑިއާ ޓީމަކުން ރައްޔިތުންނާ ބައްދަލުކޮށްގެންނެވެ. ނަމަވެސް މިގޮތަށް ކުރިއަށް ގެންދިއުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ނުލިބޭތީ، އެ ސިލްސިލާ ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.
އައު ޕޯޓަލް ތަޢާރަފްކުރުމާއެކު، ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް، ކޮންމެ ވަގުތެއްގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ސުވާލު ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ވީޑިއޯ މެދުވެރިކޮށް ޖަވާބު ދެއްވަމުން ގެންދަވާނެކަމަށް ރައީސް އޮފީހުން ވަނީ މަޢުލޫމާތު ދީފައެވެ.

