ސަރުކާރުގެ މައި ކަރަންޓު ކުންފުނި، ސްޓެލްކޯއިން ބެޓެރި ސްކޫޓަރު ގެނެސް ވިއްކަން ފެށުމަށް ނިންމައިފިއެވެ. މި މަޝްރޫޢުގެ ދަށުން ޓައިވާނުގެ މަޝްހޫރު ގޮގޯރޯ ބްރޭންޑްގެ އެޑްވާންސްޑް ބެޓްރީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތަޢާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސްޓެލްކޯގެ އިސްވެރިއެއް ކަމަށްވާ ފަހުމީ ވިދާޅުވި ގޮތުގައި، “މާލޭގެ އެކި ސަރަހައްދުތަކުގައި ބެޓެރި ސިސްޓަމްތައް ގާއިމްކުރެވުމާއެކު، އޭގެ ބެޓްރިތަކާއި ކޮމްޕެޓިބަލް ސައިކަލު ރާއްޖެ އެތެރެ ކުރުމުގެ ފުރުސަތު އެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެންދާނެ.”
މި މަޝްރޫޢަކީ ސަރުކާރުން ތިމާވެއްޓާ ރައްޓެހި އުޅަނދުފަހަރަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މިހާރުވެސް ސްޓެލްކޯއިން ވަނީ އިލެކްޓްރިކް އުޅަނދު ޗާޖުކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައެވެ.
އަދި ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި، “މިފަދަ ސައިކަލުތަކުގެ ޓެސްޓް ރައިޑްކޮށް، އަޖުމަ ބަލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމުގެ ގޮތުންނާއި، އެފަދަ ތިމާވެއްޓާއި ރައްޓެހި ސައިކަލުތަކަށް ޝައުގުވެރިކަން އުފައްދައި، އެއަށް ބަދަލުވުމަށް ހިތްވަރުދިނުމުގެ ގޮތުން” ސައިކަލުތަކެއް ރާއްޖެ ގެނެސް ޓެސްޓްކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން އެނާޖީ މެނޭޖްމަންޓް ސިސްޓަމާއި، އީވީ ޗާޖިން ސްޓޭޝަނަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމުގެ އިންތިޒާމުތައްވެސް ވަނީ ހަމަޖެހިފައެވެ.

