ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެ ސަރަހައްދަށް ޒިޔާރަތްކުރައްވައިފިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި، ރައީސްގެ މި ޒިޔާރަތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ޓާމިނަލްގެ މަސައްކަތް ކުރާ ސައުދީ ބިންލާދިން ގްރޫޕުގެ އިސްވެރިން ވަނީ، އައު ޓާމިނަލުގައި ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޤާއިމުކުރާ އެކިއެކި ވަސީލަތްތަކާއި ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ރައީސަށް ދެއްވާފައެވެ.
އަހަރަކު 7 މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޑިޒައިން ކުރެވިފައިވާ މި ޓާމިނަލްގެ މަސައްކަތް މި އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް ނިންމައި ޚިދުމަތް ފެށުމަށް “ވަރަށް ބާރު ސްޕީޑުގައި” މަސައްކަތް ކުރިއަށްދާ ކަމަށް އެމްއޭސީއެލްއިން ވަނީ ފާހަގަކުރައްވާފައެވެ.
72،000 އަކަފޫޓުގެ ބޮޑުމިނުގެ މި ޓާމިނަލުގައި 47 ޗެކްއިން ކައުންޓަރާއި، 6 ސެލްފް ސާވިސް ކިއޮސްކް، ޒަމާނީ ބެގެޖް ހޭންޑްލިން ސިސްޓަމް އަދި އެޑްވާންސް ސެކިއުރިޓީ ސްކްރީނިން ސިސްޓަމެއް ޤާއިމުކުރެވޭނެއެވެ.
ރައީސްގެ މި ޒިޔާރަތުގައި ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް މުޙައްމަދު ޝަރީފާއި ކުންފުނީގެ އެހެނިހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

