ރާއްޖޭގެ ހަތަރު ރަށެއްގައި އަލަށް އެކްސްރޭގެ ޚިދުމަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ހާމަކުރައްވައިފިއެވެ.
މި ޚިދުމަތް އަލަށް ތަޢާރަފުކުރުމަށް ހަމަޖެހިފައިވަނީ ނ.ހޮޅުދޫ، ނ.ވެލިދޫ، ށ.މިލަންދޫ އަދި އދ.މާމިގިލީގައެވެ.
ހެލްތު މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ރަށްތަކުގައި އެކްސްރޭގެ ޚިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރުވަނީ ނިމުމަކާ ހަމައަށް ގޮސްފައެވެ. އަދި އަންނަ މަހު މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވަމުންނެވެ.
މި ޚިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި އިމާރާތްތަކަށް ގެންނަންޖެހޭ ބަދަލުތަކާއި، އެކްސްރޭ މެޝިންތައް އިންސްޓޯލްކުރުން ފަދަ ކަންކަން ހިމެނެއެވެ. މިއީ އެ ރަށްތަކުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް މުހިންމު ޚިދުމަތެއް ކަމަށް މިނިސްޓްރީން ފާހަގަކުރައްވައެވެ.
މި ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތައް އަދި ސިއްޙީ މަރުކަޒުތައް ތަރައްޤީކޮށް، މާލެއަށް ބޭސްފަރުވާއަށް ދާންޖެހޭ މިންވަރު މަދުކުރުން ހިމެނެއެވެ. މި ހަތަރު ރަށުގައި އެކްސްރޭގެ ޚިދުމަތް ޤާއިމުކުރުމަކީ މި ވަޢުދު ފުއްދުމަށް އެޅޭ އިތުރު ފިޔަވަޅެކެވެ.
މި ޚިދުމަތް ފެށުމުން، އެ ސަރަޙައްދުތަކުގެ ރައްޔިތުންނަށް އެކްސްރޭގެ ޚިދުމަތް ހޯދުމަށް މާލެއަށް ދަތުރުކުރަން ޖެހުމުގެ ތަކުލީފުން ސަލާމަތްވެގެންދާނެ ކަމަށް ބެލެވެއެވެ.

