ފުވައްމުލަކު ސިޓީ ކައުންސިލުން ކުރިއަށް ގެންދާ އިއާދަކުރުވަނިވި ހަކަތައިގެ މަޝްރޫޢުގެ ދަށުން، އެ ސިޓީގެ ނުވަ މިސްކިތަކާއި ކައުންސިލް އޮފީސް އިމާރާތެއްގައި ސޯލާ ޕެނަލް ހަރުކޮށް ނިންމާލައިފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢަކީ ފުވައްމުލަކަކީ ކާބަން ނިއުޓްރަލް ރަށަކަށް ހެދުމުގެ އަމާޒު ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މި މަޝްރޫޢުގެ ސަބަބުން އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރެވިގެންދާނެ ކަމަށް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ. މި މަޝްރޫޢަށް ޖުމްލަ 2.8 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ކައުންސިލުން ހާމަކުރެއްވިއެވެ.
އިއާދަކުރުވަނިވި ހަކަތައަށް ބަރޯސާވުން އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެކެވެ. މި މަޝްރޫޢަކީ އެ އަމާޒާ ދިމާއަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފުވައްމުލަކު ސިޓީ ކައުންސިލުން ދެކެއެވެ.

