ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ދަނޑުވެރިކަމާބެހޭ އިދާރާތަކުން ދިން އެހީ އަތޮޅު އަދި ސިޓީ ކައުންސިލްތަކާ ހަވާލުކުރުމަށް ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން މިއަދު ނެރުނު ނޫސްބަޔާނެއްގައި މިކަން ހާމަކޮށްފައިވެއެވެ.
މި އެހީގެ ދަށުން ލިބުނު ތަކެތީގެ ތެރެއިން ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ހަވާލުކުރުމަށް ނިންމާފައިވަނީ ހުރިހާ އަތޮޅެއްގެ އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއެވެ. މިގޮތަށް ހަމަޖައްސާފައިވަނީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޕެސްޓު ކޮންޓްރޯލުކުރަންޖެހިއްޖެ ހާލަތެއްގައި ފަސޭހަކަމާއެކު އަވަހަށް ސްޕްރޭޔަރގެ ބޭނުންހިފޭނެ މަގުފަހިކުރުމަށެވެ.
މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަންޏާއި، ކޫޑިފަދަ ސޫފާސޫފި (ޕެސްޓު) އަޅައިގެން މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދޭ ނިސްބަތް އަހަރުން އަހަރަށް އިތުރުވަމުންދާތީއެވެ. އަދި ލާމަރުކަޒީ ޤާނޫނުގެ ދަށުން ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ހުންނަ ގަސްތަކުގައި އަޅައި، ޕެސްޓު ކޮންޓްރޯލުކުރުމުގެ ޒިންމާ ރަށު ކައުންސިލުތަކާ ހަވާލުވެފައިވާތީ، ރަށު ފެންވަރުގައި ޕެސްޓު ކޮންޓްރޯލުކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ ޤާބިލުކަން އިތުރު ކުރުމަށްވެސް މެއެވެ.
ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ފޯރުކޮށްދީފައިވާ މި އެހީގެ ޕެކޭޖުގައި ހިމެނެނީ ބޮޑެތި ގަސްތަކަށް ސްޕްރޭ ކުރުމަށް ބޭނުންކުރާ 25 ސްޕްރޭޔަރާއި، ފަސްގަނޑުގައި ކާނާ އެކުލެވޭ މިންވަރު ބެލުމަށް ބޭނުންކުރާ 100 ޓެސްޓު ކިޓާއި އޮޓަމެޓިކުން ފެންދެވޭ ނިޒާމު ޤާއިމުކުރުމަށް ބޭނުންކުރާ 35 ކޮންޓްރޯލަރއާއި، ދޫނިރޯގާ (އޭވިއަން އިންފުލޫންޒާ) ވައިރަސް ޓެސްޓުކުރުމަށް ބޭނުންކުރާ 340 ޓެސްޓު ކިޓެވެ.
މި އެހީ ދިނުމަށް ދިވެހި ސަރުކާރާއި ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އާއި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 6 އޮގަސްޓު 2024ގައެވެ.

