ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސް އާއި ރަފާހަށް އިޒްރޭލުން ރޭ ދިން ހަމަލާތަކުގައި ފަލަސްތީނުގެ 14 މީހަކު ޝަހީދުކޮށްލައިފިއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ މިއީ “ހަމައެކަނި ފެށުމެއް” ކަމަށާއި ދެ މަސް ދުވަހަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރެވުނު ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ހުރިހާ މަޝްވަރާތަކެއް މިހާރު ކުރިއަށް ގެންދާނީ “ބަޑިޖެހުމުގެ ދަށުން” ކަމަށެވެ.
ްިއިޒްރޭލުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކައި ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުން އަނެއްކާވެސް އެމީހުންގެ ގެދޮރު ދޫކޮށް، ފިލައިގެންދާން ވަނީ ފަށާފައެވެ.
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ސަލްފިޓް ގަވަރުނަރޭޓްގެ ފަރްޚާ އަވަށަށް އިސްރާއީލުން ހިންގި އޮޕަރޭޝަނެއްގައިވެސް ފަލަސްތީނުގެ 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އަލްޖަޒީރާ އަރަބިކްއިން ރިޕޯޓްކޮށްފައިވާއިރު، ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުން އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 48،577 ފަލަސްތީނު މީހުން ޝަހީދުވެ، 112،041 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

