ނޮވެމްބަރު 3ގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް އިނާޔަތްދޭ އުޞޫލު އާންމުކޮށްފި އެވެ.
ދިފާޢީ ވުޒާރާއިން މިއަދު އާންމުކުރެއްވި އުޞޫލެއްގެ ދަށުން، 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ހިނގި ޢުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށާއި، އެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާޚިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމަށް ވަނީ ނިންމާފައެވެ.
މި އިނާޔަތް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން، ޝަހީދުވި ސިފައިންގެ އާއިލާތަކަށާއި، އެ ހަނގުރާމައިގައި ދައްކުވައިދެއްވާފައިވާ އާދަޔާޚިލާފް ހިތްވަރާއި ސާބިތުކަމުގެ ސަބަބުން މެޑެލް ފޮރ އެކްސެޕްޝަނަލް ބްރޭވަރީ އަދި މެޑެލް ފޮރ ބްރޭވަރީގެ ޝަރަފް އެރުވިފައިވާ ބޭފުޅުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ޚާއްޞަ އެލަވަންސެއް ސަރުކާރުން ދެއްވުމަށް ވަނީ ހަމަޖައްސަވާފައެވެ.
އުޞޫލުގައިވާ ގޮތުން:
- ޝަހީދުވި ސިފައިންގެ އާއިލާގެ ކޮންމެ މެންބަރަކަށް (މައިންބަފައިން، ދަރިން، ހުވަފަތްވި އަނބިމީހާ) މަހަކު 9,000 ރުފިޔާ ދެވޭނެއެވެ.
- ހުރަވީ ރަން މެޑެލި ލިބިފައިވާ ފަރާތްތަކަށް މަހަކު 9,000 ރުފިޔާ ދެވޭނެއެވެ.
- ހުރަވީ ރިހި މެޑެލި ލިބިފައިވާ ފަރާތްތަކަށް މަހަކު 8,000 ރުފިޔާ ދެވޭނެއެވެ.
- ހިތްވަރުގަދަކަމުގެ ކުލަ ލިބިފައިވާ ފަރާތްތަކަށް މަހަކު 6,000 ރުފިޔާ ދެވޭނެއެވެ.
މި އިނާޔަތް ދެވޭނީ އެ ފަރާތެއް ދުނިޔޭގައި ދެމިހުރިހާ ހިނދަކުއެވެ. އިނާޔަތް ލިބޭ ފަރާތެއް މަރުވެއްޖެނަމަ، އެކަން 1 މަސްދުވަހުގެ ތެރޭގައި ދިފާޢީ ވުޒާރާއަށް އެ ފަރާތެއްގެ ޢާއިލާއިން އަންގަންވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި، މި އިނާޔަތް ދިނުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ޤައުމީ ލޯތްބާއި ދިވެހި ޤައުމިއްޔަތު ދިރުވާއާލާކުރުމަށްޓަކައި ކުރެވޭ މުހިންމު ކަމެކެވެ.

