ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ 19 މާރިޗު 2025 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި އިޞްލާޙުގެ މައިގަނޑު ބޭނުމަކީ ޓޫރިޒަމާ ގުޅޭ އެކި އުސޫލުތައް އިޞްލާޙުކުރުމާއި، އައު ޓޫރިޒަމް ޓްރަސްޓް ފަންޑެއް ޤާއިމުކުރުމެވެ. މި އިޞްލާޙުގެ ދަށުން، މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ ބިން ކަނޑައަޅާނީ ރަށު ނުވަތަ ސިޓީ ކައުންސިލުންނެވެ. އަދި ފަޅުރަށްރަށާއި ފަޅުތައް ޓޫރިޒަމަށް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
އިޞްލާޙުގައި، ޓޫރިސްޓް ރިޒޯޓުތަކަށް ދޫކޮށްފައިވާ ރަށްރަށާއި ބިންތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ އުސޫލުތަކާއި، ރިޒޯޓުތައް ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރުމާ ގުޅޭ އުސޫލުތައްވެސް ހިމެނިފައިވެއެވެ. އަދި ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުގެ ސަލާމަތީ މިންގަނޑުތަކާއި، އިޝްތިހާރުކުރުމުގެ ޤަވާއިދުތައް އެކުލަވާލުމަށްވެސް ބަޔާންކޮށްފައިވެއެވެ.
މި އިޞްލާޙާއެކު، ކުރިން ހިންގަމުންދިޔަ “ފަތުރުވެރިކަމުގެ ޞިނާޢަތުގެ ޓްރަސްޓް ފަންޑު” އުވާލައި، އައު “ޓޫރިޒަމް ޓްރަސްޓް ފަންޑު” އުފައްދާފައިވެއެވެ. ކުރީގެ ފަންޑުގައި ހުރި ފައިސާ އައު ފަންޑަށް ބަދަލުކުރެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

