އައްޑޫ ސިޓީ މީދޫގެ ޗަސްބިމުގައި މިއަދު ހެނދުނު ރޯވި އަލިފާން، މި ވަގުތާ ހަމައަށްވެސް ކޮންޓްރޯލް ނުކުރެވި ވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދީފިއެވެ.
އެމްއެންޑީއެފްގެ ފަރާތުން މި ނޫހަށް މަޢުލޫމާތު ދެއްވި ގޮތުގައި، އައްޑޫ މީދޫ ޗަސްބިމުގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 11:45 ހާއިރުއެވެ. މި މަޢުލޫމާތު ލިބުމާއެކު، އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
އެމްއެންޑީއެފްގެ އޮފިޝަލަކު މި ނޫހަށް ވިދާޅުވި ގޮތުގައި، އަލިފާން ރޯވިތާ ހަތަރު ގަޑިއިރު ފާއިތުވެގެން ގޮސްފައިވާއިރުވެސް، އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވޭ ކަމަށާއި، އަލިފާން ކޮންޓްރޯލުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ހުޅުގަނޑު ވަނީ ވަރަށް ބޮޑަށް ޗަސްބިމުގައި ފެތުރިފައެވެ. އަދި އެ ސަރަހައްދުން ބޯ ދުން އަރަމުންދާ މަންޒަރު ފެންނަން ހުއްޓެވެ.

